ދުނިޔޭގެ ވިޔަފާރި

ވެލްނެވާއާއެކު ވެކްސިން ގަތުމުގެ އެއްބަސްވުން އިނގިރޭސިވިލާތުން ނިމުމަކަށް ގެނެސްފި


އެއްބަސްވުމާއި ޚިލާފުވެފައިވާ ކަމަށްބުނެ ފްރާންސްގެ ފާމަސޫޓިކަލް ކުންފުނި ވެލްނެވާ އިން 100 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށްވެފައިވާ އެއްބަސްވުން އިނގިރޭސިވިލާތުން ނިމުމަކަށްގެނެސްފިއެވެ.

މިކަމާއިގުޅިގެން ވެލްނެވާއިން ނެރުނު ބަޔާނެއްގައި ވެކްސިން ފޯރުކޮށްދިނުމުގެ އެއްބަސްވުމާއި ކުންފުނިން ޚިލާފުވެފައިވާ ކަމަށް އިނގިރޭސިވިލާތުން ބުނާ ބުނުންވަނީ ދޮގުކޮށްފައެވެ. މިއާއެކު ސަރުކާރުން ނިންމާފައި އޮތް ނިންމުމަކަށް އެއްވެސް އެއްޗެއް ނުބުނެވޭނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލްވަނީ ވިދާޅުވެފައެވެ.

ވެލްނެވާއިން އެންމެ ފުރަތަމަ އެހީވި ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭއިރު މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ދެ ފަރާތުގެ މެދުގައި އެއްބަސްވެފައިވަނީ ކުންފުނީގެ އުފެއްދުންތައް ސްކޮޓްލޭންޑްގައި ކުރިއަށްގެންދިއުމަށް މިލިއަން ޕައުންޑްގެ އެހީއެއް ވެދޭނެ ކަމަށް ކަމަށް އިނގިރޭސިވިލާތުން ވަނީ ބުނެފައެވެ.

އެއްބަސްވުން ބާޠިލުކުރުމާއިގުޅިގެން ސޮކްޓްލޭންޑްގެ ސިއްޙަތާއިބެހޭ ސެކްރެޓަރީ ހުމްޒާ ޔޫސުފް ވިދާޅުވީ މިކަމުގެ ސަބަބުން ވެލްނެވާގެ އުފެއްދުންތަކަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހޭނެކަމަށެވެ. ޖެނުއަރީ މަހު ކުންފުނިން ވެކްސިން އުފައްދަން ފަށާފައިވާއިރު އިނގިރޭސިވިލާތުން ދޭނެ ކަމަށް ބުނެފައިވާ އިންވެސްޓްމެންޓާއެކު ބޮޑު މުސާރަ ލިބޭ 100 އެއްހާ ވަޒީފާ އިތުރުކުރުމަށްވެސް ވެލްނެވާއިން ވަނީ ނިންމާފައެވެ.

މީގެއިތުރުން 100 މިލިއަން ވެކްސިން ޑޯޒް ގަތުމަށް އިނގިރޭސިވިލާތުން އެއްބަސްވެފައިވާއިރު އިތުރު 90 މިލިއަން ވެކްސިން ޑޯޒް ވެސް ގަންނާނެކަމަށް އެޤައުމުން ބުނެފައިވެއެވެ.

ވެލްނެވާގެ މި ވެކްސިނަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް ކަމާބެހޭ އިދާރާތަކަށް މިދިޔަމަހު އެކުންފުނިންވަނީ ފޯރުކޮށްދީފައެވެ. އަދި ވެކްސިންގެ އެންމެ ފަހު ޓްރައަލް ހަތަރުވަނަ ކުއާޓަރުގައި ނިމޭނެކަމަށް ލަފާކުރާއިރު އަހަރު ނިމެންވާއިރަށް ވެކްސިން ބޭނުންކުރުމުގެ ހުއްދަވެސް ލިބޭނެކަމަށް އުންމީދުކުރާކަމަށް ވެލްނެވާއިން ބުނެއެވެ.

އެއްބަސްވުން ނިމުމަކަށް ގެނައި ކަމުގައިވިޔަސް އިނގިރޭސިވިލާތުގައި ވެކްސިންދޭ ރޭޓަށް މާބޮޑުބަދަލެއް ނާންނާނެކަމަށާއި އެ ޤައުމުގެ މުޅި އާބާދީއަށް ދެވޭވަރަށް ވެކްސިން އެބަހުރިކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން މިހާރުވެސް 16 އަހަރުން މަތީގެ އާބާދީގެ 81 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ރަސްމީ ހިސާބުތަކުން ދައްކައެވެ.