ޚަބަރު

އަސްލަމްގެ މަރާއި ގުޅިގެން މިނިވަން ތަހުޤީގެއް ހިންގަވާނެ: ސަލީމް


ހުޅުމާލޭ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ މުހައްމަދު އަސްލަމް ނިޔާވުމާއި ގުޅިގެން، އެކަން ތަހުގީގްކޮށް ބެލުމަށް ހިންގަންޖެހޭ މިނިވަން ތަހުގީގެއް މިސަރުކާރުން ހިންގަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އަސްލަމްގެ މަރާއި ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މިމައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ލިބުނު ހިސާބުން ވަގުތުން ފިޔަވަޅު އަޅަން ފަށާފައިވާކަމަށެވެ. ނަމަވެސް މިމައްސަލަ ހުށަހެޅުއްވި މެމްބަރަކީ މީގެ ކުރިން ޑިފެންސް މިނިސްޓަރަކަށް ހުންނަވައިގެން އަނިޔާވެރިކަމަށް ހިތްވަރު ދެއްވައި، އެފަދަ އަމަލުތައް ހިންގަވާފައިވާ މެމްބަރަކަށް ވީތީ ހިތާމަ ކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލާއި ހިއުމަންރައިޓް ކޮމިޝަނާއި، ފުލުހުންނާއި ކަމާއި ގުޅުންހުރި އެހެން އިދާރާތަކުން ކުރައްވާ މަސައްކަތް މަޖިލީހުން ފާރަވެރިކަމާއިއެކު ބަލާނެކަމަށެވެ.

މިމައްސަލައިގައި ވާހަކަ ދެއްކެވި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންވަނީ މަރުގެ މިފަދަ މައްސަލަތަކަކީ އިންސާފުވެރިކަމާއެކު ތަހުގީގް ކުރަންޖެހޭ މައްސަލަތަކެއް ކަމަށްބުނެފައެވެ. ނަމަވެސް މަރުގެ މައްސަލަތަކުގައި މިނިވަން ކޮމިޝަންތަކުން އަދާކުރަންޖެހޭ ޒިންމާ އެކަށީގެންވާ ގޮތަށް އަދާ ނުކުރާ ކަމަށް އެމެމްބަރުން ވަނީ ތުހުމަތު ކުރައްވާފައެވެ.

މިމައްސަލައިގައި ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ޖަލުގައި އަސްލަމް ނިޔާވި ހިސާބުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީން ފާރަވެރިވެ ކޮމިޝަންތަކުން މަސައްކަތް ކުރާގޮތް ބަލަމުންދާކަމަށެވެ. އެގޮތުން އެޗްއާރުސީއެމްއިން ރޭގައިވެސް ދެފަހަރެއްގެ މަތީން ޖަލަށް ޒިޔާރަތްކޮށް، މިހާދިސާގެ މައުލޫމާތު އޮޅުން ފިލުވާފައިވާކަމަށެވެ. އަދި މިކަން ކޮމިޝަނުން ތަހުގީގް ކުރަމުންދާ ގޮތާއި ފުލުހުން މިކަމުގައި އަމަލުކުރާ ގޮތް މަޖިލީހުން ބަލާނެކަމަށެވެ. މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ނަމަވެސް ލާއިންސާނީ އަނިޔާތަކަކީ އެމްޑީޕީން ޖާގަދީގެން ދޫކޮށްލާނެ މައްސަލަތަކެއް ނޫންކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ރޭ ކުއްލި ގޮތަކަށް ނިޔާވި އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ މީހެކެވެ. އަދި ނިޔާވިއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫންކަމަށް ކަރެކްޝަނުން ބުނެއެވެ.

އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.