މުނިފޫހިފިލުވުން

"ނާޔަކް" އަށް ވިހި އަހަރު: ލީޑް ރޯލަށް ފުރަތަމަ ނެގީ އަނިލް އެއް ނޫން


އަނިލް ކަޕޫރުގެ "ނާޔަކް" އަކި ހިންދީ ސިނަމާގައި މިހާތަނަށް އެޅުވި ތަފާތު އެއް ފިލްމެވެ. 2001 ވަނަ އަހަރު ފިލްމު ރިލީޒްކުރިއިރު މާބޮޑު ތަރުޙީބެއް ފިލްމަށް ނުލިބުނު ނަމަވެސް މިހާރުގެ ސިޔާސީ ކަންތައްތަކާއި ފިލްމު ގުޅިފައިވާވަރުން ފިލްމަށް އަދިވެސް ބޮޑު ސަޕޯޓެއް އެބައޮތެވެ.

ޓީވީ ރިޕޯޓަރަކަށް އުޅުނު މީހަކަށް ޤައުމުގެ ޗީފް މިނިސްޓަރުކަން އެއްދުވަހަށް ދިނުމުން ރައްޔިތުންގެ ދިރިއުޅުން ބަދަލުވިގޮތް ދައްކުވައިދޭ މި ފިލްމު ރިލީޒްކުރި ފަހުން ލިބިގެންގޮސްފައިވަނީ ބޮޑު ތަރުޙީބެކެވެ.

ފިލްމު ރިލީޒްކުރިތާ މިހާރު 20 އަހަރު ވެފައިވާއިރު ޝިވާޖީ ރާއޯ ގައެކްވަޑް ގެ ރޯލުން ފެންނަ އަނިލް ކަޕޫރަކީ މި ފިލްމަށް ފުރަތަމަ ނެގި ލީޑް އެކްޓަރެއްނޫނެވެ. މި ރޯލު އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ އާމިރްޚާނާއި ސަލްމާންޚާނަށެވެ. ނަމަވެސް އާމިރު އާއި ސަލްމާން މި ރޯލު ޤަބޫލުނުކުރީ ކީއްވެގެންކަމެއް ނޭގެއެވެ.

އަނިލްގެ އިތުރުން އަމްރިޝް ޕޫރީ އަދި ޖޯނީ ލެވަރވެސް ފިލްމުގައި ފެނިގެންދެއެވެ.

އަނިލް އާއި ރާނީ މުކަރްޖީގެ ހުނަރުވެރި އެކްޓިން ފެނިގެންދިޔަ މި ފިލްމުގައި ތަޅާފޮޅާ މަންޒަރުތައް ނަގަން ވަރަށް އުދަގޫވިކަމަށް އަނިލް ވަނީ ބުނެފައެވެ. އަދި މިއަދުވެސް ފިލްމަށް ބޮޑު ތަރުޙީބެއް ލިބޭތީ ވަރަށް ހިތްހަމަޖެހޭކަމަށް އަނިލް ބުނެއެވެ.