ވިޔަފާރި

މިދިޔަމަހު މީރާއަށް ބަލައިގަތް އާމްދަނީ ދަށަށް!


މިދިޔަމަހު މީރާއިން ބަަލައިގަތް އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހާއި އަޅާބަލާއިރު 25.4 އިންސައްތަ ދަށްވެފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަމަހު މީރާއަށް ބަލައިގެންފައިވަނީ 1.27 ބިލިއަން ރުފިޔާކަމަށެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %25.4 ދަށް އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ. އަދި މިއީ އޮގަސްޓުމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ 3 އިންސައްތަ ދަށް އަދަދެއްކަމަށްވެސް މީރާއިން ބުނެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ އޮގަސްޓުގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ އޮގަސްޓުގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ހާލަތެވެ. މިގޮތުން، 2020 ވަނަ އަހަރު ވިޔަފާރިތަކަށް ލިބިފައިވާ އާމްދަނީ ދަށްވެފައިވުމުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައިކަމަށް މީރާއިން ބުނެއެވެ.

މިދިޔަ އޮގަސްޓުމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %53.8 ނުވަތަ 685.41 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސް އިންނެވެ. އެއީ %24.0 ނުވަތަ 305.27 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 75.62 މިލިއަން ރުފިޔާ (%5.9)، ވޯކް ޕަރމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ (%3.2)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 33.81 މިލިއަން ރުފިޔާ (%2.7) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 133.42 މިލިއަން ރުފިޔާ (%10.5) ހިމެނެއެވެ.