ކުޅިވަރު

ޔޫއެސް އޯޕަންގެ އަންހެން ޗެމްޕިއަންކަން ރަޑުކާނޫ ހޯދައިފި


ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެލްޕިއަންކަން އިނގިރޭސިވިލާތުގެ ޒުވާން ކުޅުންތެރިޔާ އެމާ ރަޑުކާނޫ ހޯދައިފިއެވެ. އޭނާ މިމުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކެނެޑާގެ ލޭލާ ފެނާންޑޭޒް އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ރަޑުކާނޫ ސެޓްތައް ގެންގޮސްފައިވަނީ ކުރިން ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ. މިކާމިޔާބީއާއެކު ރަޑުކާނޫ ވެފައިވަނީ ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ގްރޭން ސްލޭމް މުބާރާތެއްގެ ތަށި އުފުލާލި އިނގިރޭސި ވިލާތުގެ ފުރަތަމަ އަންހެނާއަށެވެ. މީގެއިތުރުން ކޮލިފައިން ކުޅެގެން މުބާރާތަށް ކޮލިފައިވެ މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއަށްވެސް މެއެވެ. އަދި އޭނާ ވެފައިވަނީ 2014 ވަނަ އަހަރުގެ މުބާރާތުގައި ސެރިނާ ވިލިއަމްސް އެންމެ ސެޓެއްވެސް ވައްޓާނުލާ މުޅި މުބާރާތް ކާމިޔާބުކުރި ފަހުން އެކަން ތަކުރާރުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މިއީ ރަޑުކާނޫ ކުޅުނު ގްރޭން ސްލޭމް ދެވަނަ މުބާރާތެވެ. އޭނާ އެންމެ ފުރަތަމަ ކުޅެފައިވަނީ މިއަހަރުގެ ވިމްބަލްޑަން މުބާރާތެވެ. ނަމަވެސް އެމުބާރާތުގެ ފަހު 16 ކުޅުންގެ ބުރުގައި މެޗް ކުޅެނިކޮށް ނޭވާލާން އުދަގޫ ވާތީ އޭނާ ވަނީ މެޗް ނުކުޅޭ ހުއްޓާލާފައެވެ.

މިކާމިޔާބީއާއެކު ރަޑުކާނޫއަށްވަނީ އިނާމެއްގެ ގޮތުގައި އެކެއް ޕޮއިންޓް ހައެއް މިލިއަން ޕައުންޑް ލިބިފައެވެ. އަދި ދުނިޔޭގެ ރޭންކިންގައި 150 ވަނައިގައި އޮވެގެން މުބާރާތް ފެށި ރަޑުކާނޫ މިހާރު މިވަނީ 23 ވަނައަށް ކުރިއަށް ޖެހޭނެކަން ކަށަވަރުކޮށްފައެވެ. އަދި 18 އަހަރުގެ ރަޑުކާނޫ އެއާއެކު ވެގެންދާނި އިނގިރޭސިވިލާތުގެ އެއްވަނަ އަންހެން ކުޅުންތެރިޔާއަށެވެ.