ކުޅިވަރު

ރޮނާލްޑޯގެ ދެލަނޑައެކު ޔުނައިޓެޑް މޮޅުވެ ތާވަލްގެ އެއްވަނައަށް


އިންގްލީޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ނިއުކާސްލް ޔުނައިޓެޑް ބައްދަލުކުރިމެޗް ޔުނައިޓެޑް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ. ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 4 ލަނޑު 1 ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިމެޗް ވެގެންދިޔައީ 12 އަހަރުގެ މެދު ކެނޑުމަކަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ޔުނައިޓެޑަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗަށެވެ. އަދި ރޮނާލްޑޯ އޭނާގެ އެނބުރި އައުން ފާހަގަ ކޮށްފައިވަނީ ދެލަނޑާއެކުއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖަހައިދިނީ ޔުނައިޓެޑާއި ވަރަށް ފަހުން ގުޅުނު ރޮނާލްޑޯއެވެ. ނަމަވެސް މިމެޗްގައި ހިތްވާރާއެކު ޑިފެންޑްކޮށް ލިބޭ ފުރުސަތު ތަކުގައި ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަމުންދިޔަ ނިއުކާސްލްއިންވަނީ މެޗްގެ 56 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށް ދަނޑަށް ކުޑަވަގުތުކޮޅަކަށް ހަމަހިމޭންކަން ގެނުވާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ހާވިއޭ މެންކުއިލޯއެވެ. މިމެޗްގައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީވެސް ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. މިލަނޑު އޭނާ ޖަހާފައިވަނީ ނިއުކާސްލްއިން އެއްވަރުކުރިތާ 6 މިނެޓް ފަހުންނެވެ. މިމެޗްގައި ޔުނައިޓެޑްގެ ތިންވަނަ ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހައިދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލު ކުޅުންޔެރިއެއްގެ ގޮތުގައި ކުޅެން ނިކުން ޖެސީ ލިންގާޑްއެވެ.

މިކާމިޔާބީއާއެކު ޔުނައިޓެޑަށް މިހާރުވަނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަރާފައެވެ. ނިއުކާސްލް އުޅޭނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ އެއް ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.