ޚަބަރު

އިސްލާމީ މަރުކަޒުގައި މާބުލް ޖެހުމަށް ޗައިނާއިން ބޮޑު އެހީއެއް


އިސްލާމީ މަރުކަޒުގެ ގޯތިތެރޭގައި މާބުލް ޖެހުމުގެ މަސައްކަތައް ޗައިނާ ސަރުކާރުން 1.14 މިލިޔަން ޔޫއެސް ޑޮލަރުގެ ފައިސާގެ އެހީއެއް ދީފިއެވެ.މި ފައިސާގެ އެހީ ޙަވާލުކުރެއްވުމަށް މިއަދު ހައުސިންގ މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތުގައި ޗައިނާ އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ފުކާންގއެވެ.އިސްލާމީ މަރުކަޒުގެ ގޯތިތެރެއާއި ގޯތިން ބޭރުން މިސްކިތުގެ ބޭނުމަށް ތަރައްޤީ ކުރައްވާ ސަރަޙައްދުގައި މާބްލްސް ޖެއްސެވުމަށް ސަރުކާރުން ވަނީ ނިންމަވައި އެކަމުގެ ތައްޔާރީތަކުގެ މަސައްކަތް ފަށްޓަވާފައެވެ. މިއަންނަ ރަމަޟާން މަސް ފެށުމުގެ ކުރިން މާބުލްސް ޖައްސަވައި ނިންމެވުމަށް ކަނޑައަޅުއްވާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ. މިކަމާގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާބްލްސް ބައްލަވައިގަތުމަށާއި މާބްލްސް ޖެއްސެވުމަށް ޗައިނާ ސަރުކާރުގެ އެހީގެ ފައިސާއިން ޚަރަދުކުރައްވާނެ ކަމަށެވެ. އަދި މިމަސައްކަތް ވީހާވެސް އަވަހަކަށް ފަށްޓަވާނެކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ގާތްގަޑަކަށް ފަސްހާސް އަކަމީޓަރުގެ ސަރަޙައްދެގައި މާބުލްސް ޖެހޭވަރަށް މި ފައިސާއިން މާބުލް ހޯދޭނެކަމަށެވެ.މާބުލްސް ޖެހުމުގެ އިތުރުން އެސަރަޙައްދުގައި ނަމާދަށް ތިބޭ މީހުންނަށް ހިޔާ ބޭނުންވާ ވަގުތުތަކުގައި ހިޔާ ލިބިދިނުމަށްޓަކައި ޚާއްޞަ ކުޑަތަކެއް ޖެއްސެވުމަށްވެސް ވަނީ ހަމަޖެހިފައެވެ."މަސްޖިދުލް ނަބަވީގައި ހުންނަގޮތައް ކުޑަތައް އެ ސަރަޙައްދުގައި ޖެހުމަށް ހަމަޖެހިފައިވޭ. އަދި މި ކުޑަތައް ހަދަން ބޭނުން ވަނީ ދިވެހި ވަންތަ ގޮތަކަށް އަދި އެސަރަޙައްދާ ގުޅޭގޮތައް" މިނިސްޓަރ ވިދާޅުވިއެވެ. އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ މާބުލްސް ޖެހުމުގެ މަސައްކަތަކީ އެ މިސްކިތައް ނަމާދަށްދާ މީހުންނަށް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ.މި މަޝްރޫޢު ނިމުމުން، އެސަރަޙައްދު ވެގެންދާނީ ވަރަށް ރީތި އަދި މިސްކިތުގެ ބޭނުމަށް ވަރަށް މުހިންމު ސަރަޙައްދަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ.