ދުނިޔޭގެ ވިޔަފާރި

މުވައްޒަފުންގެ ކޮލެޖް ފީ ދައްކައިދޭނެ ކަމަށް އެމެޒޯންއިން ބުނެފި


އޮންލައިން ވިޔަފާރިކުރާ ބޮޑު ކުންފުނި އެމެޒޯންގެ އެމެރިކާ އޮފީހުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 750000 މުވައްޒަފުންގެ ކޮލެޖް ފީ ދައްކައިދޭނެ ކަމަށް އެމެޒޯންއިން ބުނެފިއެވެ.

މިގޮތުން މި ސްކީމަށް 1.2 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނެކަމަށާއި އެމެޒޯންގެ ވަޒީފާގައި ދެމިހުރިހާ ދުވަހަކު މުވައްޒަފުންނަށް މި ސްކީމްގެ ދަށުން ކޮލެޖް ފީ ހަމަޖެހޭނެ ކަމަށް ކުންފުނިން ބުނެއެވެ.

މިކަން މިގޮތަށް ކުންފުނިން ނިންމީ ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މުވައްޒަފުން ލިބުން ދަތިވުމުގެ ސަބަބުން މުވައްޒަފުން މަސައްކަތަށް ޝައުޤުވެރި ކުރުވުމުގެ ގޮތުންނެވެ. ކޮލެޖް ތަޢުލީމުގެ އިތުރުން ހައި ސްކޫލް ޑިޕްލޮމާ އަދި އިނގިރޭސި ބަހުގެ ކޯސްތައްވެސް މި ސްކީމްގެ ދަށުން ފުރިހަމަކުރެވޭނެ ކަމަށާއި މީގެއިތުރުން 300000 މުވައްޒަފުންނަށް ވަޒީފާގައި ބައިތިއްބައިގެން ދޭ ތަމްރީނުތައްވެސް މިސްކީމްގެ ދަށުން ދެވޭނެ ކަމަށް އެމެޒޯން އިން ބުނެއެވެ.

ކޯވިޑްގެ ބަލިމަޑުކަމަށްފަހު މުވައްޒަފުން ވަޒީފާތަކަށް ނެރުމަށް ޝައުޤުވެރިކުރުވުމުގެ ގޮތުން އެމެޒޯންގެ އިތުރުން އެމެރިކާގެ ގިނަ ކުންފުނިތަކަކުން ވަނީ މުވައްޒަފުންނަށް އެކިކަހަލަ އިނާޔަތްތައް ހުށަހަޅާފައެވެ. އެގޮތުން ޓިއުޝަން ފީ އާއި ކިޔަވަން ބޭނުންކުރާ ފޮތް މުވައްޒަފުންނަށް ހޯދައިދޭނެ ކަމަށް ވޯލްމާޓުން މިދިޔަ މަހުވަނީ ބުނެފައެވެ. އަދި ޓާގެޓް ކުންފުނިންވަނީ އެ ކުންފުނީގައި ތިބި ޑިގްރީ ފުރިހަމަނުކުރާ 340000 އަށްވުރެ ގިނަ މުވައްޒަފުންނަށް ހިލޭ ޑިގްރީ ފުރިހަމަ ކުރުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށްވެސް ބުނެފައެވެ.

މީގެ އިތުރުން ފަށާ މުސާރައާއި ބޯނަސް ވެސް ބައެއް ކުންފުނިތަކުންވަނީ ބޮޑުކޮށްފައެވެ. އެމެރިކާގެ ލޭބަރ ޑިޕާޓްމަންޓުން ބުނާގޮތުގައި ޖުލައި މަހު އެމެރިކާގެ ވަޒީފާގެ ބާޒާރަށްވަނީ 10.9 މިލިއަން ވަޒީފާ އިތުރުކޮށްފައެވެ. މިއާއިއެކު އެމެރިކާގައި ވަޒީފާނެތް މީހުންގެ އަދަދުވަނީ ދެ މިލިއަނަށްވުރެ ދަށްވެފައެވެ.