ދުނިޔޭގެ ވިޔަފާރި

ޓޮޔޯޓޯގެ އުފެއްދުންތައް މަދުކޮށްފި


ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ވިއެޓްނާމް އާއި މެލޭޝިއާގައި ކުންފުނީގެ އުފެއްދުންތައް ދަށްވެ ދުނިޔޭގެ ބާޒާރުގައި ޗިޕްސް ލިބެން ދަތިވުމާއެކު ޓޮޔޯޓޯގެ އުފެއްދުންތައް މަދުކޮށްފިއެވެ. އެގޮތުން ކުންފުނިން ދެން އުފައްދާނީ އަހަރަކު 300000 ކާރެވެ.

ދުނިޔޭގެ އެންމެބޮޑު ކާރު އުފައްދާ ކުންފުނި ޓޮޔޯޓޯގެ އެގްޒެކެޓިވް ކަޒުނާރީ ކުމަކުރާ ވިދާޅުވީ ކުންފުނީގެ އުފެއްދުންތައް މަދުކުރަން ޖެހިފައިމިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނާއި ސެމިކޮންޑަކްޓަރު ލިބުން ދަތިވުމުން ކަމުގައިވީނަމަވެސް އުފެއްދުންތަކަށް އެންމެބޮޑަށް އަސަރުކޮށްފައިވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުންކަމަށެވެ.

މިއާއިއެކު ޓޮޔޯޓޯއިން މިހާރު ލަފާކޮށްފައިވަނީ 9 މިލިއަން ކާރު އުފެއްދޭނެކަމަށެވެ. މުޅިދުނިޔޭގެ ޓޮޔޯޓޯގެ އުފެއްދުންތަކުން 360000 ކާރު ސެޕްޓެމްބަރުމަހު މަދުކުރަން ނިންމާފައިވާއިރު އިތުރު 70000 ކާރު އުފެއްދުން މިމަހު މަދުކުރުމަށްވެސް ކުންފުނިން ވަނީ ނިންމާފައެވެ. އަދި އޮކްޓޫބަރުމަހު 330000 ކާރު އުފެއްދުންވެސް މަދުކުރާނެއެވެ.

ދުނިޔޭގެ އެހެން ބޮޑެތި ކުންފުނިތަކާއި ޚިލާފަށް ކުންފުނީގެ އުފެއްދުންތައް މަދުނުކޮށް މިހާތަނަށްވެސް ޓޮޔޯޓޯއަށް މަޑުކުރެވިފައިވަނީ ގިނަ ޢަދަދެއްގެ ސެމީ ކޮންޑަކްޓަރު ކުންފުނީގައި ރައްކާކޮށްފައި ބެހެއްޓުމުންނެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ގޭގައިތިބެންޖެހި ސްމާޓްފޯނާއި ޓެބްލެޓް ފަދަ އިލެކްޓްރޯނިކް ސާމާނު ބޭނުންކުރުން ގިނަވުމާއިއެކު ޗިޕްސްއަށް އޮތް ޑިމާންޑް ވަނީ އުފުލިފައެވެ.

ޓޮޔޯޓޯގެ އިތުރުން ޖެނެރަލް މޮޓޯސް، ފޯޑް، ނިސާން، ޑޭމްލަރ، ބީއެމްޑަބްލިޔު އަދި ރޭނޯއިންވެސް ވަނީ ޗިޕް ލިބުން ދަތިވުމާއިއެކު ކުންފުނިތަކުގެ އުފެއްދުންތައް މަދުކޮށްފައެވެ. މީގެއިތުރުން އެމެރިކާގެ ކާރު އުފައްދާ ކުންފުނީ ފޯޑުންވެސް ވަނީ އެ ކުންފުނީގެ ބައެއް ކާރުޚާނާތަކުގެ އުފެއްދުންތައް މަދުކޮށްފައެވެ.
ބާ
ޒާރުން ގަންނަންލިބޭ ކާރު މަދުވުމުގެ ސަބަބުން ކާރުގެ ވިޔަފާރި ޗައިނާގައިވެސް މިދިޔަ އަހަރުވަނީ ވަރަށްބޮޑަށް ދަށްވެފައެވެ.