ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އުފެއްދުންތައް މާކެޓް ކުރަނީ


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަތްތެރި މަސައްކަތާއި ހުނަރު ބޭނުންކޮށްގެން އުފައްދާ ތަކެތި މާރކެޓުކުރެވޭނެ ގޮތެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެެއްވާނެ ކަމަށް އެޓާރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވެއްޖެއެވެ.އެޓާރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލް މިހެން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަތްތެރި މަސައްކަތާއި ހުނަރު ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތި ދައްކާލުމުގެ ގޮތުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއާއި ޖަމްއިއްޔާތައް ގުޅިގެން ބޭއްވި، " ރެދަން " ގެ ނަމުގައި ބޭއްވި މައުރަޒުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ދެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ނެވެ. މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ހިންގެވުމާ ޙަވާލުވެ ހުންނެވި އަލްއުސްތާޛު މުޙައްމަދު އަނިލް ވިދާޅުވީ، " ރެދަން " މައުރަޒުގައި ބައިވެރި ކޮށްފައިވާ އުފެއްދުންތަކުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހުނަރާ އުފެއްދުންތެރިކަން ވަރަށް ބޮޑަށް ފެނިގެން ދިޔަ ކަމަށެވެ. އަދި އެފަރާތްތަކުގެ ހުނަރު ބޭނުންކޮށްގެން އުފައްދާ ތަކެތި ވިއްކޭނޭ މާރކެޓެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްކޮށް ދެއްވާނެ ކަމަށް އަނިލް ވިދާޅުވި އެވެ.  އަނިލް ވިދާޅުވީ، މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ގޮތުން މިފަދަ މައުރަޒުތައް ދެމެހެއްޓެނެވި ގޮތެއްގައި ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި ވަނީ ރެދަން މައުރަޒަށް އެކި ގޮތް ގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ. އެފަރާތްތަކަށް ލިޔުން ޙަވާލުކޮށްދެއްވީ އެޓާރނީ ޖެނެރަލް އަލްއުސްތާޛު މުޙައްމަދު އަނިލެެވެ. މީގެ އިތުރުން މައުރަޒުގައި ބައިވެރިކޮށްފައިވާ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނައިން ވޯޓު ލިބޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި ޓާރކިޝް އެއާލައިނުން ވަނީ ޔޫރަޕްގެ ޤައުމަކަށް ދަތުރުކުރުމަށް ދެ ޓިކެޓް ޙަދީޔާކޮށްފައެވެ.