ސިޔާސީ

ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ އިދިކޮޅުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާލުމެއް


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާލުމެއް ބާއްވައިފިއެވެ.

"އިންސާފު ހޯދަން" މި ނަމުގައި ކުރިއަށްގެންދިޔަ މި ހިނގާލުން މާލޭ ސިޓީގައި ފަށާފައިވަނީ މިއަދު ހަވީރު ޕީ.ޕީ.އެމް އޮފީސް ކުރިމަތިންނެވެ.

މި ހަރަކާތުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބައެއް ލީޑަރުންނާއި، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅުން ތަމްޞީލުކުރައްވާ ބައެއް މެންބަރުންގެ އިތުރުން، ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދުވެސް ހިމެނިވަޑައިގަންނަވާހެން، ރައީސް ޔަމީންގެ ސަރުކާރުގައި ބައެއް އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި، މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހިނގާލުމުގައި ކުރީގެ ރައީސް ޔާމީންގެ ޝަރީޢަތްތަކާގުޅިގެން ލީކުވި އޯޑިއޯތަކާމެދު އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެމަނިކުފާނުގެ ޝަރީޢަތްތަކަށް އެކިގޮތްގޮތުން ނުފޫޒު ފޯރުވަމުންދާކަމަށާއި، އަދުލު އިންސާފުގެ ނިޒާމަށް މިއަދު އިތުބާރުގެއްލިފައިވާކަމަށްބުނެ ޝުޢޫރު ފާޅުކޮށްފައިވެއެވެ. މި ހިނގާލުމުގެ ބައިވެރިންވަނީ ރައީސް ޔާމީންގެ މައްޗަށް އިންސާފު ޤާއިމުކޮށް، އެމަނިކުފާނު މިހާރުން މިހާރަށް މިނިވަންކުރުމަށް ގޮވާލާފައެވެ.

މާލޭގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ޝުޢޫރުފާޅުކޮށް މިއަދު ހަވީރު ވަނީ ހިނގާލުންތަކެއް ބާއްވާފައިވެއެވެ.