ޚަބަރު

ފުރަބަންދުކޮށްފައިވާ އޮސްޓުރޭލިޔާގައި ދުވާލެއްގެ މައްޗަށް 2،000 މީހުންނަށް ބަލިޖެހޭ


ފާއިތުވި އެތައް ހަފުތާއެއް ފުރަބަންދުގައި އޮތް އޮސްޓުރޭލިޔާގެ ކޯވިޑް-19ގެ ޙާލަތު އިންތިހާއަށް ގޯސްވެ ދުވާލެއްގެ މައްޗަށް 2،000 މީހުންނަށް ބަލިޖެހެމުންދާކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

އޮސްޓުރޭލިޔާއިން ދަނީ ބަލިމަޑުކަމުގެ ނުރައްކާތެރި ތިންވަނަ ރާޅަކާ ކުރިމަތިލަމުންނެވެ. އަދި ޚާއްޞަކޮށް ކޯވިޑް-19ގެ އެންމެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރުކަމަށްވާ ޑެލްޓާ ވޭރިއެންޓު ދަނީ އެ ޤައުމުގައި ހަލުވިކަމާއެކު ފެތުރެމުންނެވެ. އެއާއެކު އެ ޤައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ފުރަބަންދުކުރަން އެ ޤައުމުގެ ސަރުކާރަށް މަޖުބޫރުވިއެވެ. ނަމަވެސް ޙާލަތަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ. ފުރަބަންދުގެ ޙާލަތުގައި އެތައް ހަފުތާއެއްވަންދެން އޮސްޓުރޭލިޔާ އޮތުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދުވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ.

އޮސްޓުރޭލިޔާގެ ކޯވިޑް-19ގެ ޙާލަތު އެންމެ ބޮޑަށް ގޯސްވެފައިވަނީ އެ ޤައުމުގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސްގައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސުޓޭޓުގައި 1،500އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި ނުވަ މީހުންވަނީ މަރުވެފައެވެ. އޭގެ އިތުރުން 1،100އަށްުވުރެ ގިނަ މީހުން ދަނީ ހަސްފަތާލުން ފަރުވާ ހޯދަމުންނެވެ. އޭގެ ތެރެއިން 207 މީހުން އޮތީ އައިސީޔޫގައެވެ. އަދި 89 މީހުންނަށް ފަރުވާ ދެނީ ވެންޓިލޭޓަރުގެ އެހީގައެވެ.

އޮސްޓުރޭލިޔާގެ ވިކްޓޯރިޔާ ސުޓޭޓުގެ ޙާލަތުވެސްވަނީ އިންތިހާއަށް ގޯސްވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސުޓޭޓުގައި 330އަށްުވުރެ ގިނަ މީހުންނަށް ބަލިޖެހި އެކަކު މަރުވެފައިވެއެވެ. އެއީ މި އަހަރުގެ ތެރޭގައި އެ ސުޓޭޓުގައި އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ދުވަހެވެ. ނަމަވެސް ވެރިކަންކުރާ މެލްބަންގައި އާބާދީގެ 70 އިންސައްތަ މީހުން ކޯވިޑް-19ގެ ވެކްސިންގެ އެއް ޑޯސް ފުރިހަމަކުރުމުން ފުރަބަންދުގެ އުޞޫލުތަކަށް ލުއިތަކެއް ދިނުމަށްވަނީ ނިންމައިފައެވެ.

ކޯވިޑް-19އާ ދެކޮޅަށް ދުނިޔޭގައި އެންމެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށް ބުނާ އޮސްޓުރޭލިޔާގައި 70،000 މީހުންނަށް ބަލިޖެހި 1،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ކޯވިޑް-19ގެ ވެކްސިންގެ ދެ ޑޯސް ފުރިހަމަކޮށްފައިވަނީ އާބާދީގެ 32 އިންސައްތަ މީހުންނެވެ.