ކުޅިވަރު

ޔޫއެސް އޯޕަން ޓޭނިސް މުބާރާތުގެ ފައިނަލުން ރަޑުކާނޫ އާއި ފެނާންޑޭޒް


އަހަރުގެ އެންމެފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ފައިނަލުން ޒުވާން ދެ ކުޅުންތެރިން ކަމަށްވާ އިނގިރޭސިވިލާތުގެ އެމާ ރަޑުކާނޫ އާއި ކެނެޑާގެ ލޭލާ ފެނާންޑޭޒް ޖާގަހޯދައިފިއެވެ. މިއީ މިހާރު މިކުޅޭގޮތަށް ގްރޭން ސްލޭމް މުބާރާތްތައް ކުޅެން ފެށިފަހުން ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލުން ޒުވާން އަންހެން ދެ ކުޅުންތެރިން ޖާގަހޯދި އަށްވަނަ ފަހަރެވެ.

މިފަހަރުގެ ޔޫއެސް އޯޕަންގައި އެމާ ރަޑުކާނޫ އާއި ލޭލާ ފެނާންޑޭޒް އަންނަނީ ކުޅުނު ކޮންމެ މެޗެއްގައި އެންމެން ހައިރާން ކޮށް އާދަޔާ ހިލާފް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދެކުޅުންތެރިން ސީޑް ނުކުރެވޭއިރު ރަޑުކާނޫ މުބާރާތުން ޖާގަހޯދީ ކޮލިފައިން ތިން ބުރުވެސް ކުޅުމަށްފަހުއެވެ. އެންމެފަހުން މިހާ ޒުވާން ދެކުޅުންތެރިން ގްރޭން ސްލޭމް ފައިނަލެއްގައި ވާދަކޮށްފައިވަނީ 1999 ވަނަ އަހަރުގެ ޔޫއެސް އޮޕަންގައި އެމެރިކާގެ ސެރީނާ ވިލިއަމްސް އާއި ސްވިޓްޒަލަންޑްގެ މާޓީނާ ހިންގިސް ބައްދަލުކުރި ފައިނަލެވެ.

މިފަހަރުގެ މުބާރާތުގެ ފައިނަލުން އުމުރުން 18 އަހަރުގެ ރަޑުކާނޫ ޖާގަހޯދީ ސެމީފައިނަލްގައި 17 ވަނައަށް ސީޑް ކުރެވިފައިވާ ގްރީސްގެ މާރިއާ ސަކާރީ އައި ބައްދަލުކުރިމެޗް ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. ސަކާރީ އަކީ ވަރަށް ވަރުގަދައަށް ކުޅޭ ކުޅުންތެރިއެއްކަމުން މިމެޗްގައި ރަޑުކާނޫއަށް ގިނަ ގޮންޖެހުންތަކަކާއި ކުރިމަތި ލާން ޖެހޭނެ ކަމަށް ކުރިން ގިނަ ބަޔަކަށް ހީވެފައިވީ ނަމަވެސް މިމެޗްވެސް ރަޑުކާނޫވަނީ ގިނަ ބަޔަކު ހައޮރާން ކޮށްލާ މޮޅު ކުލުމެއް ދައްކާފައެވެ. މިމެޗްގެ ފުރަތަމަ ސެޓް ރަޑުކާނޫ ހައެއް އެކަކުން ކާމިޔާބުކުރިއިރު ދެވަނަ ސެޓް ކާމިޔާބުކުރީ ހައެއް ހަތަރަކުންނެވެ. މިފަހަރުގެ މުބާރާތުގައި ކޮލިފައިން ތިން ބުރަށްފަހު މުބާރާތުގައި ކުޅުނު އެއްވެސް މެޗެއްގާ މިހާތަނަށް އެންމެ ސެޓެއްވެސް ގެއްލުވާލާފައެއް ނުވެއެވެ. އަދި ރަޑުކާނޫ ވެފައިވަނީ ގްރޭން ސްލޭމް މުބާރާތެއްގެ ކޮލިފައިންގ ކުޅެގެން ފައިނަލުން ޖާގަހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. މީގެއިތުރުން ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި ގްރޭން ސްލޭމް މުބާރާތެއްގެ ފައިނަލުން ޖާގަހޯދި އިނގިރޭސިވިލާތުގެ ފުރަތަމަ އަންހެން ކުޅުންތެރިޔާއެވެ. އެންމެފަހުން ގްރޭން ސްލޭމް މުބާރާތެއްގައި ފައިނަލްގައި ވާދަކޮށް ކާމިޔާބު ހޯދާފައިވާ އިނގިރޭސި އަންހެން ކުޅުންތެރިޔަކީ 1977 ވަނަ އަހަރު ވިމްބަލްޑަން މުބާރާތް ކާމިޔާބުކުރި ވަރޖީނިއާ ވޭޑްއެވެ. ރޭގެ މެޗް ރަޑުކާނޫ ކުޅުންތަން ބަލާލުމަށް ވޭޑް ސްޓޭޑިއަމްއަށް ގޮސްއިން ކަން ފާހަގަ ކޮށްލެވުނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރަޑުކާނޫ ހާމަކުރިގޮތުގައި ނިއުޔޯކް ގައި އޭނާ ހޭދަކުރި ވަގުތު ވަރަށް އަވަހަށް ހިނގައްޖެ ކަމަށާއި އަދި ތިން ހަފްތާ ފަހުން މިހާރު މިވަނީ ފައިނަލަށް ދަތުރު ކުރެވިފައިކަމަށެވެ.

މިމުބާރާތުގެ ފައިނަލްގައި ރަޑުކާނޫ އާއި ވާދަކުރާ އުމުރުން 19 އަހަރުގެ ލޭލާ ފެނާންޑޭޒް ޖާގަހޯދީ ސެމީފައިނަލްގައި ދެވަނައަށް ސީޑް ކުރެވިފައިވާ އަރީނާ ސެބަލަންކާ އާއި ބައްދަލުކޮށް ދެސެޓް އެއްސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިދިޔަ ހޯމަދުވަހު 19 އަހަރު ފުރުނު ފެނާންޑޭޒް މިމެޗް ކާމިޔާބުކުރީ ފުރަތަމަ ސެޓް ޓައި ބްރޭކަކަށްގޮސް ހަތެއް ހަޔަކުންނެވެ. ދެވަނަ ސެޓް ހަތަރެއް ހަޔަކުން ސަބަލެންކާ ކާމިޔާބުކުރި ނަމަވެސް ފަހު ސެޓް ފެނާންޑޭޒް ކާމިޔާބުކުރީ ހައެއް ހަތަރަކުންނެވެ. ދުނިޔޭގައި 73 ވަނައަށް ރޭންކް ކުރެވިފައިވާ ފެނާންޑޭޒް ފައިނަލަށް ކުރި މިދަތުރުގައި ވަނީ އެންމެފަހުގެ ޗެމްޕިއަން ނައޯމީ އޮސާކާ އާއި ފަސްވަނައަށް ސީޑް ކުރެވިފައިވާ އެލިނާ ސްވިޓޮލީނާ ވެސް ބަލިކޮށްފައެވެ. ސަބަލެންކާއަކީ ވެސް ގްރޭން ސްލޭމް މުބާރާތުން މީގެކުރިން ޖާގަހޯދިފަވާ ކުޅުންތެރިއެއް ނޫން ކަމުން މިދެކުޅުންތެރިންގެ ފަރާތުންވެސް ހާސްކަން ފެނިގެންދިޔައެވެ. މިމެޗުން ފެނާންޑޭޒް މޮޅުވުމުގައި ސަބަލެންކާއަށް ހެދުނު ގޯސްތައް ވެސް ބޮޑު ބައެއް ކުޅުނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ފެނާންޑޭޒް ބުނީ މިއީ އޭނާ މިއޮތް ހުރިހާ ދުވަހު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިމެޗުން މޮޅުވީ މެޗް ބަލާލަން ސްޓޭޑިއަމަށް ވަދެ ތިބި ސަޕޯޓަރުންގެ ފުރިހަމަ ތާއީދުގެ ސަބަބުންކަމަށް އޭނާ ބުންޏެވެ. ސަޕޯޓަރުން ވަނީ އޭނާ މިހާހިސާބަށް އައުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ. ފެނާންޑޭޒް ވަނީ މިފަހަރުގެ މުބާރާތުގައި ސަޕޯޓަރުންގެ ތާއީދާއި ލޯބި ވަރަށް ބޮޑަށް ހޯދާފައެވެ. އަދި އޭނާގެ މެޗްތައް ވެފައިވަނީ މީހުން ވަރަށް ބަލާހިތުން ބަލާ މެޗްތަކަކަށެވެ. ފެނާންޑޭޒް ފެނިގެން ގޮސްފައި ވަނީ ސަޕޯޓަރުންނާއި ވަރަށް ގުޅިގެން މެޗް ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ރަޑުކާނޫ އާއި ފެނާންޑޭޒް ބައްދަލުކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.