ދުނިޔޭގެ ވިޔަފާރި

ވިލާތާއި އެމެރިކާއާ ދެމެދު ވިޔަފާރިއާއި ޓެކްނޮލޮޖީއާ ބެހޭ ކައުންސިލެއް އުފައްދައިފި


ވިލާތުގެ އިއްތިޙާދާއި އެމެރިކާއާ ދެމެދު އުފެއްދި ވިޔަފާރިއާއި ޓެކްނޮލޮޖީއާ ބެހޭ ކައުންސިލް، ޓްރޭޑް އެންޑް ޓެކްނޮލޮޖީ ކައުންސިލް(ޓީޓީސީ) އިފްޠިޠާހު ކުރުމުގެ ބައްދަލުވުން މިމަހުގެ 29ވަނަ ދުވަހު އޮންނާނެ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ވިދާޅުވެޖެއެވެ.

މި ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ އެމެރިކާގެ ޕެންސުލްވޭނިއާގެ ޕިޓްސް ބާރގްގައެވެ.

އެމެރިކާއާއޮ ވިލާތުގެ އިއްތިޙާދުން، ޖޫން މަހު ބޭއްވި ސަމިޓްގައި އުފައްދަން އިޢުލާނުކުރި މިކައުންސިލްގެ މަޤްޞަދަކީ ދެފަރާތުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތައް ފުޅާކޮށް އިންވެސްޓްމެންޓްތައް ވަރުގަދަކުރުން ކަމުގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވާހަކަދެއްކެވި އޮފިޝަލެއްކަމަށްވާ އެމިލީ ހޯނޭ ވިދާޅުވިއެވެ.

މީގެއިތުރުން ދެފަރާތުންވެސް ޤަބޫލުކުރާ ޑިމެކޮރެޓިކް އުސޫލު ތަކަކާއި އިޤްޠިޞާދީ ގުޅުމުގެ މައްޗަށް ބިނާކޮށް ކުރިއަށް އޮތްތަނުގައި ވިޔަފާރިތައް ފުޅާކޮށް ޓެކޮނޮލޮޖީގެ އުޞޫލުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީވެސް ކައުންސިލުގެ މަޤްޞަދެއްކަމުގައި އެމިލީ ވިދާޅުވިއެވެ.

ކައުންސިލްގެ ފުރަތަމަ ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ ސެކްރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކްޓަން، ކޮމާރސް ސެކްރެޓަރީ ޖީނޫ ރައިމޮންޑޫ އަދި އެމެރިކާގެ ވިޔަފާރިތައް ތަމްސީލުކުރައްވާ ކެތްރީނާ ތައިއެވެ.

ވިލާތުގެ އިއްތިޙާދުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ ޔޫރަޕިއަން ކޮމިޝަންގެ އެކްޒެކެޓިވް ނާއިބު ރައީސުންކަމުގައިވާ މާގްރީތް ވެސްޓެގަރއާއި ވަލްގިސް ޑޮމްބްރޯސްކީސްއެވެ.
ކައުންސިލުގެ މި ބައްދަލުވުންތަކުގައި ވާހަކަދައްކާނީ ޓެކްނޮލޮޖީގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާބެހޭގޮތުންނާއި ސަޕްލައި ޗެއިން ސެކިއުރިޓީ، މޫސުމާއި ގްރީން ޓެކްނޮލޮޖީ، އިންސާނީ ޙައްޤުތަކާއި މުދާބޭރުކުރުން ކޮންޓްރޯލް ކުރުމާ ގުޅޭގޮތުންނެވެ.