ޚަބަރު

އިތުރު 111 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެއްޖެ


ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އިތުރު 111 މީހަކުވަނީ ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 111 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 54 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 52 މީހަކު ހިމެނެއެވެ. އަދި ރިސޯޓުތަކުން 5 މީހަކު ޕޮޒިޓިވްވެފައިވާއިރު، ސަފާރީތަކުން އެކަކު ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 82،475އަށް އަރާފައެވެ.

އަލަށް ޕޮޒިޓިވްވީ މީހުންނާއެކު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 2،081އަށް އަރާފައެވެ. ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ އަދަދަކީ 13 އެވެ.

ވޭތުވެދިޔަ 24 ގަޑިއިރު މިބަލިން 150 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއެކު ބަލިން އެއްކޮށް ރަނގަޅުވީ މީހުންގެ ޢަދަދުވަނީ 80،154 އަށް އަރާފައެވެ.

ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވަނީ 5،526 މީހަކު ޓެސްޓުކޮށްފައެވެ. މިބަލީގައި މިހާތަނަށް 227 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.