ޚަބަރު

"ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" އެކުލަވައިލައިފި


ތަޢުލީމުގެ ޤާނޫނޫގެ ދަށުން އުފައްދަންޖެހޭ "ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑު" އެކުލަވައިލައިފިއެވެ. މި ބޯޑުގައި ހިމެނެނީ ފަސްދާއިރާއަކުން ފަސް މެމްބަރުންނެވެ.

ޓީޗަރސް ރަޖިސްޓްރޭޝަމް ބޯޑަކީ ތަޢުލީމްގެ ޤާނޫނުގެ 38 ވަނަ މާއްދާގެ ދަށުން މުދައްރިސުން ރަޖިސްޓަރީ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި އުފެއްދުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ބޯޑެކެވެ. މި ބޯޑުގެ ރަޖިސްޓްރާރ އަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އާޠިޔާ ނަޞީރެވެ.

ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑުގައި ހިމެނޭ މެމްބަރުން

1. ރަޖިސްޓްރާ: ޢާއިޝަތު ޢާޠިޔާ ނަޞީރު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަނުން
2. އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާ ނުވަތަ ތަޢުލީމީ ސިޔާސަތުގެ ދާއިރާ: ނަހުޒާ ޝަރީފް، އެޑިޔުކޭޝަން އޮފިސަރ
3. ކިޔަވައިދިނުމުގެ ދާއިރާ: ޔުސްރާ މުރާދު، އެޑިޔުކޭޝަން އޮފިސަރ
4. ތަޢުލީމީ މަންހަޖު އެކުލަވާލުމުގެ ދާއިރާ: އާމިނަތު މުޙައްމަދު، އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ ކޯޑިނޭޓަރ
5. ޗައިލްޑް ސައިކޮލޮޖީ ނުވަތަ އެޑިޔުކޭޝަނަލް ސައިކޮލޮޖީގެ ދާއިރާ: ފައުޒިއްޔާ ޢަލީ، އެޑިޔުކޭޝަން އޮފިސަރ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ގާއިމުކޮށް، ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމަށްޓަކާ އެކުލަވާލާފައިވާ ޤާނޫނަށް އަމަލުރަން ފަށާފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހުގައެވެ.

އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނާއެކު މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުމުގެ ޙައްޤު ލިބިގެން ދާނެއެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން މުދައްރިސްކަމުގެ ތަޢުލީމު ހަރުދަނާވެ، ހުނަރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ގާނޫނުގެ މަޤުސަދުތަކުގެ ތެރޭގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނާއި އިސްލާމީ ތަރުބިއްޔަތު ދެވޭނެ މާޙައުލެއް ޤާއިމުކުރުމުގެ މަގުފަހި ކުރުމާއި، ދިވެހި އިސްލާމީ މުޖުތަމަޢަށް ފެތޭ ރައްޔިތުންގެ އިތުބާރު ލިބޭ ތަޢުލީމީ ނިޒާމެއް ޤާއިމްކުރުން ހިމެނެއެވެ. އަދި މި ޤާނޫނުގެ ދަށުން ކަނޑައެޅޭ ތަޢުލީމީ ސިޔާސަތުތަކުގެ ތެރެއިން ރައްކާތެރި އަދި އަމާން މާޙައުލެއް ސްކޫލްތަކުގައި ޤާއިމުކޮށްދީ، އަމާން މާޙައުލެއްގައި ތަޢުލީމު ހާސިލުކުރެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ މަސްއޫލިއްޔަތެކެވެ.