ދުނިޔޭގެ ވިޔަފާރި

ފުރަބަންދުގެ ސަބަބުން އެއަރ އޭޝިއާއަށް ގެއްލުން


ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން މެލޭޝިއާ ފުރަންބަންދު ކުރުމާއިއެކު އެޤައުމުގެ ބަޖެޓް އެއަރލައިން އެއަރ އޭޝިއާއަށް އަހަރުގެ ދެވަނަ ކުއާޓަރުގައި ގެއްލުމާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ފުރަބަންދާއިއެކު ދަތުރުފަތުރުކުރުމުގެ ދަތިކަމުގެ ސަބަބުން އެއަރ އޭޝިޔާގެ ވިޔަފާރި ވަނީ ދަށްވެފައެވެ. އެގޮތުން އޭޕްރީލުން ޖޫންގެ ނިޔަލަށް އެ އެއަރލައިނަށް 580 މިލިއަން ރިންގިޓް ނުވަތަ 139.66 މިލިއަން އެމެރިކާ ޑޮލަރު ގެ ގެއްލުމާއި ކުރިމަތިލާން ޖެހުނުކަމަށް ޚަބަރުތައް ބުނެއެވެ.

އެއަރ އޭޝިޔާގެ ލީސް އެއްބަސްވުން އަލުން ބަދަލުކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާއިރު އެ އެއަރލައިނުން ވަނީ ބައެއް މުވައްޒަފުންނާއި މުވައްޒަފުންގެ މުސާރަވެސް ކުޑަކޮށްފައެވެ.

ލީސް އެއްބަސްވުން އަލުން ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށްދާއިރު މިއަހަރު ނިމެންވާއިރަށް އެއްބަސްވުމަށް ބަދަލުތައް ގެނެވޭނެކަމަށްވެސް އެއަރލައިނުން ނެރުނު ބަޔާނެއްގައި ސީއީއޯ ޓޯނީ ފެނާންޑެޒް ވަނީ ވިދާޅުވެފައެވެ. މިއާއެކު އަހަރުގެ 4 ވަނަ ކުއާޓަރުގައި ވެކްސިންދޭ ރޭޓް މަތިވެ ދަތުރުފަތުރުކުރުމުގައި ލުއިތައް ދޭނެކަމަށް ބެލެވިފައިވުމާއެކު އެތެރޭގެ އުދުހުންތަކުގެ ވިޔަފާރި ރަގަޅުވެގެންދާނެކަމަށް އެއަރ އޭޝިޔާއިން އުއްމީދު ކުރެއެވެ.