ކުޅިވަރު

ކުޑަ ހުސެއިން، ޝާހް އަދި އައްސަދު ގައުމީ ޓީމަށް ހިތްވަރު ދެއްވައިފި


ސާފް ޗެންޕިއަންޝިޕާ ދިމާކޮށް ކުޑަ ހުސެއިން، ޝާހު އަދި އައްސަދު ޢަބްދުލްޣަނީ ގައުމީ ޓީމަށް ހިތްވަރު ދެއްވައިފިއެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ރާއްޖެ ނިކުންނާނީ ނޭޕާލްއާއި ދެކޮޅަށެވެ. ގައުމީ ޓީމް މިމުބާރާތަށް ތައްޔާރުވުމަށް ގަރަތަށް ކޭންޕަށް ފުރުމުގެ ކުރިން ގައުމީ ސްކޮޑް ވަނީ 30 ކުޅުންތެރިންނަށް މަދުކޮށްފައެވެ. ސާފް ޗެންޕިއަންޝިޕްގެ ކުރިން ގައުމީ ޓީމަށް ހިތްވަރުދެއްވުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކާފައިވަނީ ކުޅިވަރުގެ ދާއިރާ އިން ޕީއެޗްޑީ ނަންގަވާފައިވާ އަދި ކާމިޔާބު އެތުލީޓް ހުސެއިން ހަލީމް (ކުޑަ ހުސެން) އާއި އާއި ގައުމީ ޓީމުގެ ކުރީގެ އެއް ވަނަ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާޢީލް (ސާޔާ) އަދި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ތަށި އުފުލާލި ގޯލްޑް ކެޕްޓަން އައްސަދު ޢަބްދުލްޣަނީއެވެ.

މިތިން އެތްލީޓުން ވެސް ވަނީ ގައުމީ ޓީމަށް ކާމިޔާބީއަށް އެދޭކަމަށާއި ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ، ކާމިޔާބު ލިބޭނެކަމަށް ބުނެފައެވެ. ކުޑަ ހުސެއިން ވަނީ 2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް ވެސް މޮޓިވޭޝަނަލް ސްޕީޗެއް ދީފައެވެ. ޝާހު ވިދާޅުވީ ގައުމީ ޓީމާއި ބައްދަލުވުމަކީ ޝަރަފެއްކަމަށާއި، ގަތަރު ކޭންޕާއި ސާފް މުބާރާތުގައިވެސް ގައުމީ ޓީމަށް ކާމިޔާބީއަށް އެދޭކަމަށެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އައްސަދު އާއި ޝާހު އަދި ކުޑަ ހުސެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ވަގުތު ކޮޅެއް ހުސްކޮށްދެއްވީތީ ޝުކުރު އަދާކުރާ ކަމަށް ވިދާޅުވެފައެވެ.

މާދަމާ ގައުމީ ޓީމް ގަތަރަށް ފުރާއިރު، އެގައުމުގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ މެޗްތަކެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިކޭންޕް ނިންމާލުމަށްފަހު ގައުމީ ޓީމް އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުއެވެ.