ސިޔާސީ

އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މަހްލޫފަށް


ވެރިކަން ކުރާ މައި ޕާޓީ، އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފަށް ވާދަކުރުމުގެ ފުރުޞަތު ދޭން އެޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

އެމް.ޑީ.ޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުންވަނީ ޔޫތު މިނިސްޓަރ މަހްލޫފަށް އެޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަނުކުރެވޭގޮތަށް ކުރިން ނިންމި ނިންމުމުގައި އަމަލުކޮށްފައިވަނީ އިޖުރާއީގޮތުން ރަނގަޅަށް ނޫންކަމަށެވެ. އެހެންކަމުން އެ ނިންމުން ބާތިލުކޮށް، މަހްލޫފަށް ކުރިއަށްއޮތް ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އަލުން ދޭން އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމާ ގުޅިގެން މިނިސްޓަރ މަހްލޫފް ވަނީ އިންތިޚާބުގައި ވާދަކުރެވޭގޮތަށް ނިންމީތީ އުފާކުރާކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެ ރައްޔިތަކުވެސް މީހަކު ކުރާ މަލާމާތަކަށް ނުބަލާ އެމީހެއްގެ ހައްޤު ހޯދަން މަސައްކަތް ކުރަންވާނެ ކަމަށް މިނިސްޓަރ މަހްލޫފް ވިދާޅުވެފައިވެއެވެ.


ޔޫތު މިނިސްޓަރ މަހްލޫފަށް ވާދަކުރެވޭނެ ކަމަށް އެމް.ޑީ.ޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވަނީ އެ މައްސަލަ އެ މަޖިލީހަށް އިސްތިއުނާފަށް ހުށަހެޅުމުންނެވެ.

މަހްލޫފް ވަނީ މި މައްސަލަ އިލެކްޝަންސް ކޮމިޝަނަށްވެސް ކުރިން ހުށަހަޅާފައެވެ. އަދި މަހްލޫފަށް އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ކަމަށް އެ ޕާޓީން ނިންމާފައިވަނީ އީސީއަށް ހުށަހަޅާފައިވާ އެޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށްކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމް.ޑީ.ޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ޔޫތު މިނިސްޓަރ މަހްލޫފް ވާދަކުރައްވަނީ ކ، ވ، އއ އަދި އދ. އަތޮޅު ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށެވެ.

މި އިންތިޚާބުގައި އެކި ދާއިރާތަކަށާއި، އެކި މަގާމުތަކަށް 730 ކެނޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ދެވިގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް އަމަލުކުރާ އުސޫލުން ޕާޓީގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ.

އެމްޑީޕީއަކީ ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެޕާޓީގެ ދަފްތަރުގައި 93،354 މެމްބަރުން އެބަތިއްބެވެ. މި އިންތިޚާބަކީ އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބަށްވާއިރު، އިންތިޚާބުގައި 300 ވޯޓު ފޮށި އެކި ދާއިރާތަކުގައި ބެހެއްޓިގެންދާނެއެވެ. އަދި މި އިންތިޚާބުގައި 900 އެއްހާ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.