ސިޔާސީ

ހިޔާ ފްލެޓްތަކުގެ އަގު ކުޑަކުރަން ކުރީ ސަރުކާރުން ހުށަހެޅީ ވެރިކަން ގެއްލުނު ހިސާބުން: ޔޫނުސް


ހިޔާ ފްލެޓްތަކުގެ އަގު ކުޑަކުރަން ކުރީ ސަރުކާރުން ހުށަހެޅީ ވެރިކަން ގެއްލުނު ހިސާބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔޫނުސް ވިދާޅުވީ، ހިޔާ މަޝްރޫޢުގެ އަގާބެހޭގޮތުން ކުރީ ސަރުކާރުން އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައިގައި ބަހުސަށް ހުޅުވާލުމުން ވާހަކަ ދައްކަވަމުން ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ވިދާޅުވީ، ހިޔާ މަޝްރޫޢަކީ، މިހާތަނަށް ސަރުކާރަކުން ހިންގި އެންމެ ބޭކާރު، އެންމެ ޚަރަދު ބޮޑު މަޝްރޫޢުކަމަށެވެ. އަދި އެ މަޝްރޫޢު ނިންމާފައިހުރީ ހަމައެކަނި ހަތަރު ގަނޑު ފާރުކަމަށާއި، ފްލެޓްތަކަށް ބޭނުންވާ އަސާސީ އެއްވެސް ޚިދުމަތެއްވެސް ޤާއިމުކޮށްފައިނުވާކަމަށެވެ.

މިއަދު މާލެ ސިޓީގައި ކޮންކްރީޓް އަކަފޫޓަކަށް ޖެހެނީ ގާތްގަނޑަކަށް 100 ޑޮލަރުކަން ފާހަގަކުރައްވާ ޔޫނުސް ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދެ ކޮޓަރީގެ ފްލެޓަކަށް 62000 ޑޮލަރު ޚަރަދުކޮށް ބޭކާރުކޮށްފައިވާކަމަށެވެ. ޔޫނުސް ވިދާޅުވީ، ހިޔާ ފްލެޓްތަކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރީ ސަރުކާރުން ކޮށްފައިވަނީ ވަކި ބައެއްގެ ޖީބަށް މަންފާވާގޮތަށް ކަމަށެވެ. އަދި ހިޔާ ފްލެޓްތައް 5600 ރުފިޔާއަށް ވިއްކަން އެޗް.ޑީ.ސީއަށް ސިޓީ ފޮނުވީ، ވެރިކަން ގެއްލުނު ހިސާބުންކަމަށާއި، އޭގެ ކުރިން ހިޔާ މަޝްރޫޢުގެ އަގާ ބެހޭގޮތުން އެއްވެސް ވާހަކައެއް ކުރީ ސަރުކާރުން ދައްކާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހުޅުމާލެ ފޭސް ދޭއްގައި އެ ތަން ނިންމާފައި ބިމުން ބޮޑު ބައެއް ވިއްކާލާފައި، ރޭގަނޑު ދަންވަރު އިޢުލާންކޮށްގެން ބިންތައް ވެސް ވިއްކައި ހަދާފައި، އެ ފައިސާ ވެސް ޖީބަށް ލައިގެންގޮސް އެ ތިބީ. އިއްޒަތްތެރި ރައީސް؟ އެ ބުނާ މަގުތައް މި އަދު ޖެހެނީ ކޮށާލަން. ފެން އަޅަންޖެހޭ، ކަރަންޓް އަޅަންޖެހޭ. މިއިން އެއްވެސް ކަމެއް ނާޅާ، މަގުމަތީގައި ތާރުފަށެއް އަޅާލާފައި ނިންމާލީ. މި ގޮތަށް ހުރިހާ ކަމެއް ކޮށްފައި ހުރީ އިއްޒަތްތެރި ރައީސް. އަގު މިދެންނެވިހެން، ޔާމީންގެ ވެރިކަން ގެއްލުނު ހިސާބުން އެޗް.ޑީ.ސީއަށް ސިޓީއެއް ފޮނުވަނީ، 5600 ރުފިޔާއަށް ފްލެޓުގެ ކުލި ހަދާށޭ ކިޔާފަ. އިއްޒަތްތެރި ރައީސް، އޭގެ ކުރިން ނުދައްކާ އެއްވެސް ވަރަކަށް މި ތަންތަނުގެ ކުލީގެ ވާހަކައެއް ނުދައްކާ" މެންބަރު ޔޫނުސް ވިދާޅުވިއެވެ.

ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ވިދާޅުވީ، މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމަކީ މިއަދު ވަރަށް ބޮޑަށް ބޭނުންވެފައިވާކަމެއްކަމަށެވެ. މި ސަރުކާރުން މިހާރުވެސް ބޯހިޔާވަހިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް މި ސަރުކާރުން ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ޔަޤީންކުރައްވާކަމަށްވެސް ޔޫނުސް ވިދާޅުވިއެވެ.