ކުޅިވަރު

ލިންގާޑް ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ދެކޮޅު ހަދައިފި


އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ޖެސީ ލިންގާޑް އެކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކުރަން ދިން ފުރުސަތު އޭނާ ބޭނުން ނުކޮށް ދޫކޮށްލައިފިއެވެ. ލިންގާޑް އެއްބަސްވުން އާކުރަން ދިން ފުރުޞަތުގެ ބޭނުން ނުކޮށް ދޫކޮށްލި އެންމެ ބޮޑު އެއް ސަބަބަކީ އޭނާ އަށް ކުޅެން ލިބޭ ވަގުތު މަދުވެދާނެކަމަށް ގަބޫލް ކުރެވުން ކަމަށް މަޢުލޫމާތުލިބޭ.

ލިންގާޑް ގަބޫލް ކުރާގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އެޓީމާއި ގުޅުމުން އޭނާއަށް މިހާރު ކުޅެން ލިބޭވަރަށް ފުރުޞަތު ނުލިބިދާނެއެވެ. ލިންގާޑް އެންމެފަހުން އިންގްލަންޑް ޓީމަށް ކުޅުނު މެޗްގައި އޭނާ ވަނީ ދެ ލަނޑު ޖަހާފައެވެ. އަދި މިދިޔަ ސީޒަންގެ ފަހު ބައި ލޯން އެއްބަސްވުމެއްގެ ދަށުން ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވެ ލިންގާޑް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މިސީޒަންގައި ލިންގާޑް ގެންދިއުމަށް ވެސްޓް ހޭމް އިން މަސައްކަތް ކުރި ނަމަވެސް އޭނާ ބޭނުންވީ ޔުނައިޓެޑްގައި މަޑުކޮށް ފުރަތަމަ އެގާރައިން ޖާގަހޯދުމަށް މަސައްކަތް ކުރުމަށެވެ. މިހާތަނަށް ލިންގާޑް ޔުނައިޓެޑަށް ކުޅެފައިވަނީ އެންމެ ހަތަރު މިނެޓެވެ. އެއީ ސައުތެމްޓަން އާއި ބައްދަލުކޮށް އެއްވަރު ވި މެޗްގެ ފަހު ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެހެން ކަމުން އެނާއަށް ކިހާވަރަކަށް ވަގުތު ކުޅެން މިސީޒަންގައި ލިބޭނެ ކަމާމެދު ސުވާލު އުފެދިފައިވީ އިރު މިހާރު މިވަނީ މިސުވާލަށް ޖަވާބު ހޯދުން އިތުރު އުނދަގޫކަމަކަށް ވެފައެވެ. ލިންގާޑް ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން މިސީޒަންގެ ނިޔަލަށް ހަމަވާނެއެވެ.