ކުޅިވަރު

ގަތަރަށްދާ ސްކޮޑުން އިރޭ އާއި ބަކާ ބާކީކޮށްފި


ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގަތަރަށްދާ ގައުމީ ސްކޮޑް ފައިނަލް ކުރި އިރުގައި ތަޖްރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި މުޙައްމަދު އިރުފާން (އިރޭ) މިފަހަރުގެ ޓީމުން ބާކީވެއްޖެއެވެ. ގައުމީ ސްކޮޑްގެ 30 ކުޅުންތެރިންގެ ތެރެއިން އާރިފާއި އިރުފާން ބާކީ ކުރިއިރު މިދެ ކުޅުންތެރިންނަކީ އެންމެ ފަހުން 2018ވަނަ ސާފް ޗެންޕިއަންޝިޕް ހޯދިއިރު، މުުހިންމު ދައުރެއް އަދާކުރި ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ގައުމީ ޓީމުން 30 ކުޅުންތެރިންގެ ތެރެއިން ބާކީ ވެފައިވަނީ ކްލަބް އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) އާއި ކްލަބް ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުޙައްމަދު ސާއިފްއާއި، ޓީސީ ސްޕޯޓްސް ކްލަބްގެ ޑިފެންޑަރ މުޙައްމަދު އަޖުފާންއެވެ.

ގައުމީ ސްކޮޑުން މިފަހަރު ބަކާ ބާކީކުރިއިރު، 2018ވަނަ އަހަރުގެ ޓީމުން ބަކާއަށް ޖާގަ ދީފައިވަނީވެސް ދެއަހަރުގެ މެދު ކެޑުމަކަށްފަހުއެވެ. މާޒިޔާގެ ވައިސް ކެޕްޓަން އިރުފާނަކީ 2014ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުން ބަރާބަރަކަށް ޖާގަ ހޯދަމުން އައިސްފައިވާ ކުޅުންތެރިއެކެވެ. އަދި ގައުމީ ޓީމުގައިވެސް އިރޭ މީގެ ކުރިންވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެންމެ ފަހުން މާލޭގައި ނިމިގެންދިޔަ އޭއެފްސީ ކަޕްގެ ގުރޫޕް ޑީގައި މާޒިޔާއިން ކުޅުނު ފުރަތަމަ ދެ މެޗްގައި އިރޭ ކުޅެފައިވަނީ ޑިފެންސަށެވެ. ނަމަވެސް އެންމެ ފަހުން ބެންގަލޫރާ، ދެކޮޅަށް ކުޅުނު މެޗްގައި އިރޭއިނީ ބެންޗުގައެވެ. އިރޭ ގަތަރު ކޭންޕަށްދާ ސްކޮޑުން ބާކީ ކޮށްފައިވާއިރު، އޭނާއަށްވަނީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެފައެވެ.

ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމު ގަތަރުގައި ކޭންޕް ކުރުމަށް ހަމަޖެހިފައިވާއިރު، ޓީމް ގަތަރަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. މި ކޭންޕުގައި 4 ވަރަކަށް އެކުވެރިކަމުގެ މެޗް ކުޅުމަށް ޓީމުން ދަނީ ތައްޔާރުވަމުންނެވެ. ކޭންޕް ނިންމާލުމަށްފަހު ގައުމީ ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހުއެވެ.