ޚަބަރު

ކޯވިޑް ވެކްސިން އިދިކޮޅުން ސިޔާސީ ނުކުރިނަމަ، ވަރަށް ރަނގަޅު ޙާލަތަކަށް ދެވުނީސް - ސަލީމް


ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރެއްވި މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ހުރަސް ނަޅާއި، ޒިންމާދާރު މަަސައްކަތްތަކެއް ކުރިނަމަ، ކޯވިޑްގައި ރާއްޖޭގެ ޙާލަތު އޮންނާނީ މިއަދު އޮތް ޙާލަތަކު ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ ކޯވިޑުން އަރައިގަތުމަށް ދިވެހި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކަކީ މުޅި ދުނިޔެ އެކަމަށް ހެކިވާނެ ކަންތައްތަކެއް ކަމަށެވެ. އެއީ ބަހުސްކޮށް ދެބަސްވެވެން އޮތްކަމެއް ނޫންކަން ޢަދަދުތަކުން ފެންނަން އެބައޮތްކަމަށް ސަލީމް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ ކޯވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ވެކްސިން ހޯދައި، އެކަމަށް މަގުފަހި ކޮށްދިން ނަމަވެސް ވެކްސިން ޖަހަން އެންމެފުރަތަމަ ކުރި މަސައްކަތުގައި އިދިކޮޅު ފަރާތްތަކުން މަަސއްކަތް ކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށެވެ. ވެކްސިން ނުޖެހުމަށް ރައްޔިތުންނަށް ވިސްނައިދީ، ޤާނޫނެއްގެ ދަށުން ނޫނީ ވެކްސިން ނުޖެހުމަށް ބާރު އަޅަމުން ދިޔަކަމަށް ސަލީމް ވިދާޅުވިއެވެ.

"ވެކްސިން ނުޖެހުމަށް ރައްޔިތުންނަށް އިލްތިމާސް ކުރަމުން ގެންދިޔަ. ޤާނޫނެއް ހަދައިގެން ނޫނީ ވެކްސިން ނުޖެހޭނެކަމަށް ބުނަމުން ގެންދިޔަ. ދިވެހި ސަރުކާރުން ރައްޔިތުން ގާތުގައި އާދޭސް ދަންނަވަމުން އެދަނީ ވެކްސިން ޖެހުމަށް. މިނޫން މަދު ޤައުމެއް އަޅުގަނޑުމެންނަށް ފެނިފައި އޮތީ ވެކްސިން ލިބިފައިވަނީ. މިކަންވެސް ރައްޔިތުންނަށް ނުބައިކޮށް ވިސްނަވައި ދިނުމުގެ ނަތީޖާއަކީ މިއަދުވެސް އަޅުގަނޑުމެން މިކަމުގައި އުޅެންޖެހުން." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކޯވިޑް އެންމެ ފުރަތަމަ ފެނިގެން ދިޔައިރު ރާއްޖެއަކީ ކޯވިޑަށް ޓެސްޓް ކުރެވޭނެ ގޮތެއްނެތް ޤައުމަކަށް ވާއިރު، މިއަދު ފަސޭހަ ކަމާއިއެކު ކޯވިޑް ޓެސްޓް ކުރެވޭނެ މަގު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމް ކުރެވިފައިވާކަށެވެ. އަދި ފަރުވާދޭނެ ތަންތަނާއި، ވަސީލަތްތައްވެސް ވަރަށް ބޮޑަށް އިތުރު ކުރެވިފައިވާކަމަށެވެ.

"ކަރަންޓީން ކުރުމަށްޓަކައި، 3،000 އަށްވުރެގިނަ އެދު ޤާއިމްކޮށްފި. އައިސޮލޭޝަނަށް 2،000 އެނދު ސަރުކާރުން ޤާއިމްކޮށްފި. ހޮސްޕިޓަލިތަކުގައި އާ އިންވެސްޓްމަންޓްތަކުގެ ގޮތުގައި 442 އެނދު ޚާއްސަކޮށްގެން ޤާއިމްކޮށްފި. ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން 168 މިލިޔަން ރުފިޔާ ހޭދަކޮށްފި." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ފްރަންޓްލައިން އެލަވެންސް އަދިވެސް ނުދެވި ތިބި ބައެއް މީހުން ތިބިކަމަށާއި، ނަމަވެސް ސަރުކާރުން އެކަން ހަމަޖައްސަވަމުންދާކަމަށެވެ. އަދި މިހާތަނަށް 12،000އަށްވުރެ ގިނަ މީހުންނަށް ފްރަންޓްލައިން އެލަވެންސް ދޫކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާރު ޞިއްޙީ ދާއިރާގައި ދިމާވާ މައްސަކަތަކަކީ ޒަމާނުއްސުރެއް ރާއްޖޭގެ ސިއްޙީ ނިޒާމު ހިނގިގޮތުން ދިމާވާ މައްސަލަތަކެއްކަމަށެވެ. ނަމަވެސް ޞިއްޙީ މަރުކަޒުތަކަށް މިއަހަރުގެ ބަޖެޓް ތައްޔާރުކުރާއިރު، ރަށްރަށުގެ ކަންކަން އެރަށަކުން ހަމަޖެހޭނެހެން އެރަށެއްގެ ޞިއްޙީ ކަންކަމުގެ ބަޖެޓް އެރަށަކަށް ދިނުމަށް ސަލީމް ވަނީ ގޮވާލައްވާފައެވެ.