ޚަބަރު

އޮސްޓްރިއާގެ އިސްވެރިންނާ ފޮރިންގ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި


އޮސްޓްރިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާ ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

ފޮރިންގ މިނިސްޓަރ ޝާހިދު އޮސްޓްރިއާއަށް ވަޑައިގަންނަވާފައިވަނީ އެޤައުމުގެ ވެރިރަށް ވިއެނާގައި އޮތް ޤާނޫނު ހަދާ މަޖިލީސްތަކުގެ ރައީސުންގެ 5ވަނަ ބައްދަލުވުމުގައި ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިދަތުރުފުޅުގައި ފޮރިންގ މިނިސްޓަރ ވަނީ އޮސްޓްރިއާގެ ޗާންސެލަރ ސިބޭސްޓިއަން ކުރްޒްއާއި ބައްދަލުކުރައްވާ އދ.ގެ ޢާއްމު މަޖިލީހުގެ 76ވަނަ ދައުރުގެ ރިޔާސަތުގައި މިނިސްޓަރ ޝާހިދު އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ މަޢުލޫމާތު އެމަނިކުފާނަށް އަރުވާފައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރވަނީ އޮސްޓްރިއާއިން ސްޕީކަރސް ސަމިޓާއި، ވިމެން ސްޕީކަރސް ސަމިޓް ވަރަށް ފުރިހަމައަށް އިންތިޒާމްކުރެއްވީތީ އެކަމަށް މަރުޙަބާ ދެންނަވާފައެވެ.

މިނިސްޓަރ ޝާހިދުގެ މިދަތުރުފުޅުގައިވަނީ އޮސްޓްރިއާގެ ފޮރިން މިނިސްޓަރ އެލެގްޒެންޑަރ ޝެލެންބަރގްއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަށްފަހު، އޮސްޓްރިއާއަކީ މަލްޓިލޭޓަރަލިޒަމްއަށް ޒަމާނުއްސުރެ ތާއީދުކުރާ ޤައުމެއްކަން ފާހަގަކުރައްވައި، އެގައުމުގެ ފުރިހަމަ އެއްބާރުލުން މިނިސްޓަރ ޝާހިދުގެ "އުއްމީދުގެ ރިޔާސަތަށް" ލިބޭނެކަމުގެ ޔަޤީންކަން އޮސްޓްރިއާއިން ދެއްވާފައިވާކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓަރ ޝަހިދުވަނީ އޮސްޓްރިއާގެ ދިފާޢީ ވުޒާރާއަށް ޒިޔާރަތްކުރައްވައި، ދިފާޢީ ވަޒީރު ކްލައުޑިއާ ޓެނަރއާއި ބައްދަލުކުރައްވާފައެވެ. މި ޒިޔާރަތުގައި އޮސްޓްރިއާ ޑިފެންސް މިނިސްޓްރީން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި، ބައިނަލްއަޤްވާމީ ސުލްހަ ދެމެހެއްޓުމަށް ސުލްހަ ބަލަހައްޓާ ފައުޖުތަކަށް އޮސްޓްރިއާއިން ދޭ އެއްބާރުލުން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. ވިއެނާއަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ވިއެނާގައި ހުންނަ އދ.ގެ މަރުކަޒުގެ އިސްވެރިންނާއި ވިއެނާގައި މައި އޮފީސް ޤާއިމްކޮށްފައިވާ އދ.ގެ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.