ޚަބަރު

ނޮޅިވަރަމްގައި ކޯވިޑްގެ ޙާލަތު ގޯސްއިރު، އެމްބިއުލާންސެއް ނެތް މައްސަލަ މަޖިލީހަށް


ހދ.ނޮޅިވަރަމްގައި ކޯވިޑްގެ ހާލަތު ގޯސްވެ، ބަލިމީހުން އުފުލުމަށް އެމްބިއުލާންސެއް ނެތްމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲއެވެ. މިމައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 32 މެމްބަރުންގެ ވޯޓުންނެވެ.

ނަޝީދު ހުށަހެޅުއްވި މައްސަލާގައި ވަނީ ކޯވިޑް-19ގެ ޙާލަތުގައި ތިލަދުންމަތީ ނޮޅިވަރަމް ދާއިރާ މިއަދު ވަނީ ނާޒުކު ހާލަތެއްގައިކަމަށެވެ. އާބާދީގައި 2،770 އަށްވުރެގިނަމީހުން ދިރިއުޅޭ ނޮޅިވަރަމުގައި މިއަދާ ހަމައަށް ކޯވިޑު ބައްޔަށް 202 މީހުން ޕޮޒިޓިވް ވެފައިވާއިރު، އެރަށު ސިއްހީމަރުކަޒުގައި ދުއްވާނެ އެމްބިއުލާންސެއް ނެތްކަމަށާ، ސިއްހީމަރުކަޒުގައި ބަލިމީހުން އުފުލަން ބޭނުންކުރަމުން ދަނީ ޕިކަޕެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމަކީ ބަލިމީހުންނަށް އެންމެ ރައްކާތެރިގޮތް ކަމުގައި ނުވާއިރު މިކަމަށް ހައްލެއް ހޯދުމަށް ވަނީ އިންތިހާއަށް ބޭނުންވެފައިކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން ރައްޔިތުންނަށް އެންމެ ރައްކާތެރިވާނެފަދަ ވެހިކަލެއް ވީހާވެސް އަވަހަކަށް ސިއްހީމަރުކަޒަށް ހޯދައި ދިނުމަކީ އަދުގެ މަސްރަހު ގޯސްވެފައިވާ ހިސާބުން ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއްކަމަށް މިމައްސަލާގައި ބުނެފައިވެއެވެ.

މިހާރުވެސް ބައްޔަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުގެ މީހުންގެ ތެރެއިން 3 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދެއެވެ. ބަލިމީހުންނަށް ފަރުވާ ދިނުމުގައި އެކަށީގެންވާ ވަރަށް މީހުން ނެތްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. ނަޝީދު ވަނީ މިހާލަތުގައި ކުޅުދުއްފުށީ އަތޮޅު ހޮސްޕިޓަލުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.