ދުނިޔެ

ކޮޕް 21 ސަމިޓްގައި އެއްބަސްވުމެއް އެކުލަވާލެވޭނެ-ފެބިއުސް


ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި މިހާރު
ކުރިއަށްދާ މޫސުމާ ބެހޭ އދގެ ސަމިޓްގައި އަންނަ ހުކުރު ދުވަހުގެ ކުރިން
އެއްބަސްވުމެއް އެކުލަވާލެވޭނެ ކަމަށް އުއްމިދުކުރައްވާ ކަމަށް ފަރަންސޭސި ޚާރިޖީ
ވަޒީރު އަދި ސަމިޓްގެ ރައީސް ލައުރެން ފެބިއުސް ވިދާޅުވެއްޖެެއެވެ.

ސަމިޓް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ނޫސްވެރިންނަށް
މަޢުލޫމާތު ދެއްވަމުން ފެބިއުސް ވިދާޅުވީ، ސަމިޓްގެ ބައިވެރިން މިހާރު މަސައްކަތް
ކުރަމުންދަނީ ހުކުރު ދުވަހަށް ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން، ހުރިހާ ފަރާތުން
ވެސް ތާޢިދުކުރާ ފަދަ އެއްބަސްވުމެއް އެކުލަވާލުމަށް ކަމަށެވެ. އަދި
އެއްބަސްވުމުގައި ސަމިޓްގައި ބައިވެރިވާ ގައުމުތަކުން ސޮއި ކުރާ ވަގުތަށް
އެއްބަސްވުމުގެ އެންމެ ފަހު ދެލިކޮޕީ ހުށަހެޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް
ވެސް ފަރަންސޭސި ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.



މޫސުމާ ބެހޭ އދގެ މިސަމިޓް ކޮޕް 21 އަކީ މޫސުމަށް
އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިނަލްއަޤްވާމީ ފެންވަރެއްގައި އެއްބަސްވުމެއް
އެކުލަވާލުމަށް ލިބޭ ފަހު ފުރުސަތު ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.