ދުނިޔެ

އިރާޤާ ތުރުކީއާ ދެމެދު މަޝްވަރާތައް ބޭއްވުމަށް އދން ގޮވާލައިފި


އިރާޤާއި ތުރުކީވިލާތާ ދެމެދު އުފެދިފައިވާ
ނުތަނަވަސްކަން ހައްލުކުރުމަށް ދެގައުމުގެ ދެމެދު މަޝްވަރާތައް ބޭއްވުމަށް އދ.ން
ގޮވާލައިފިއެވެ.



ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އދގެ ސެކްރެޓަރީ
ޖެނެރަލްގެ ތަރުޖަމާނުގެ ނަޢިބު ފަރްހާން ހަޤް ވިދާޅުވީ، ތުރުކީއާ އިރާޤާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް މަޝްވަރާކުރަން
ޖެހޭ ކަމަށާ، މިއީ އދގެ ސެކްރެޓަރީ
ޖެނެރަލް ވެސް ބާރު އަޅުއްވާ ކަމެއް ކަމަށެވެ.



އަދި އިރާޤާއާއި ތުރުކީއާ ދެމެދު އުފެދިފައިވާ
މައްސަލަތައް ހައްލުކުރުމަށް ދެގައުމުގެ އިސްވެރިން މަސައްކަތް ކުރައްވަމުންދާ
ކަން އދން ފާހަގަ ކުރާ ކަމަށް ވެސް ހަގް ވިދާޅުވިއެވެ.



ތުރުކީވިލާތާ އިރާޤާ ދެމެދު ނުތަނަވަސްކަން
އުފެދިފައި މިވަނީ، އިރާޤުގެ އުތުރުގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އަސްކަރީ
ތަމްރީނު ދިނުމަށް ކަމަށް ބުނެ ތުރުކީއިން އެސަރަހައްދަށް ގިނަ ޢަދަދެއްގެ
ސިފައިން ފޮނުވުމާއި ގުޅިގެނެވެ.



އިރާޤުން ވަނީ މިކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، ކުރިއަށްއޮތް
24 ގަޑި އިރުގެ ތެރޭގައި ތުރުކީ ސިފައިން އިރާޤުން ފައިބަން
ޖެހޭނެ ކަމަށްވެސް ބުނެފައެވެ.