ކުޅިވަރު

ދެ އަހަރުން އެއްއަހަރު ފީފާ ވާރލްޑް ކަޕް ބޭއްވުމަށް ސެފެރިން ދެކޮޅުކަން ހާމަކޮށްފި


ފީފާ ވާރލްޑް ކަޕް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމާއި މެދު ޔުއޭފާގެ ރައީސް އެލެގްޒެންޑަރ ސެފެރިން ދެކޮޅުކަން ހާމަކޮށްފިއެވެ. ސެފެރިން ހާމަކުރިގޮތުގައި އެގޮތަށް ހަދައިފި ނަމަ ވާރލްޑް ކަޕްގެ ހައިބަތު ކުޑަވެގެން ދާނެއެވެ.

ސެފެރިން މިކަން ހާމަކޮށްފައި މިވަނީ ފީފާއިން އިންތިޒާމް ކޮށްގެން ބާއްވާ ފިރިހެން އަދި އަންހެން ވާރލްޑް ކަޕް ކޮންމެ ދެ އަހަރުން އެއް އަހަރު ބޭއްވުމާއި މެދު ފީސިބިލިޓީ ސްޓަޑީއެއް ފީފާއިން ހަދަމުންދަނިކޮށެވެ. ކޮންސަލްޓޭޝަން މި ޕްރޮސެސް ކުރިއަށް ގެންދަނީ އާސެނަލްގެ ކުރީގެ ކޯޗް އާސެން ވެންގަރއެވެ. ސެފެރިން ބުނީ ވާރލްޑް ކަޕް ޚާއްސަވަނީ ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު އޮންނާތީ ކަމަށާއި ނަމަވެސް ކޮންމެ ދެ އަހަރުން އެއް އަހަރު އޮންނަންވީމާ އޭގެ މުހިންމު ކަން ގެއްލިގެންދާނެކަމަށެވެ. ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ މަގާމް ފުރަމުންދާ ވެންގަރ މިއަހަރުގެ މެއި މަހު ބުނެފައިވަނީ ވާރލްޑް ކަޕާއި ޔޫރަޕިއަން ޗެމްޕިއަންޝިޕް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބޭއްވުމަށް ތާއީދު ކުރާކަބުނެފައެވެ.

1930 ވަނަ އަހަރު ފީފާ ވާރލްޑް ކަޕްގެ ފިރިހެން މުބާރާތް ބާއްވަން ފެށީއްސުރެ އެންމެ ފަހަރަކު ފިޔަވައި އެހެން ހުރިހާ ފަހަރެއްގައި އަންނަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ވަރލްޑް ކަޕް ބާއްވަމުންނެވެ. މިއަށް ބަދަލެއް އައިސްފައިވަނީ ދެވަނަ ބޮޑު ހަނގުރާމަ އާއި ގުޅިގެން 1942 އަދި 1946 ގައި މި މުބާރާތް ބާއްވާފައެވެ. އަދި އަންހެނުންގެ މުބާރާތް އަންނަނީ 1991 ވަނަ އަހަރު ބާއްވަން ފެށީއްސުރެ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުންނެވެ.