ކުޅިވަރު

ބްރެޒިލް އާއި އާޖެންޓީނާގެ މެޗް ފެށިފަހުން ހުއްޓާލަން ޖެހުމުން ހިތާމަ ކުރާކަމަށް ފީފާއިން ހާމަށްފި


ވާރލްޑް ކަޕް ކޮލިފައިންގ ގެ ދެކުނު އެމެރިކާ ސަރަހައްދުގެ މެޗްތަކުގެ ތެރެއިން ބްރެޒިލް އާއި އާޖެންޓީނާގެ މެޗް ފެށިފަހުން މެޗް ހުއްޓާލަން ޖެހުމުން ހިތާމަ ކުރާކަމަށް ފީފާއިން ހާމަކޮށްފިއެވެ. މިމެޗް ހުއްޓާލަން ޖެހުމުގެ ސަބަބުން އެމެޗަށް އިންތިޒާރު ކުރަމުންދިޔަ އެތަށް މިލިއަން ރައްޔިތުންނަކަށް މާޔޫސްކަން ލިބިގެން ގޮސްފައިވާކަމަށް ފީފާއިން ހާމަކޮށްފައިވެއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުޅުމަސް ހަމަޖެހިފައިވި މިމެޗް ފެށިފަހުން ހުއްޓާލަން ޖެހުނީ މެޗްގައި ވާދަކުރި އާޖެންޓީނާ ޓީމްގައި ހިމެނުނު ތިން ކުޅުންތެރިޔަކު ކަރަންޓީން ގަވައިދާއި ހިލާފު ވެފައިވާކަމަށް ބްރެޒިލްގެ ސިއްހީ އޮފިޝަލުން ހާމަކޮށް، ދަނޑަށް އެރުމުންނެވެ. ފީފާއިން ބުނީ އެމެޗްގެ އޮފިޝަލުންގެ ފަރާތުން ފުރަތަމަ ރިޕޯޓް ލިބިފައިވާކަމަށާއި އަދި އެރިޕޯޓް ކަމާބެހޭ ކޮމެޓީއިން ދިރާސާ ކުރުމަށްފަހު ހާމަކުރާނެކަމަށެވެ. މިމެޗް އަލުން ކުޅޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ބްރެޒިލްގެ ސިއްހީ އޮފިޝަލުން ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުން އައި ހަތަރު ކުޅުންތެރިން ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ. އެ ހަތަރު ކުޅުންތެރިންނަކީ އެސްޓަން ވިލާގެ އެމިލިއާނޯ ބުއެންޑިއާ އާއި އެމިލިއާނޯ މާޓިނޭޒް އަދި ޓޮޓްނަމް ހޮޓްސްޕަރގެ ޖިއޮވާނީ ލޮ ސެލްސޯ އާއި ކްރިސްޓިއަން ރޮމޭރޯއެވެ. އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ އެހަތަރު ކުޅުންތެރިންވެސް މިހާރުވަނީ އެނބުރި އެކުޅުންތެރިންގެ ކްލަބް ތަކާއި ގުޅުމަށްޓަކައި ދަތުރު ފަށާފައިވާކަމަށެވެ. ނަމަވެސް އިނގިރޭސި ކަރަންޓީން ގަވައިދު އޮތް ގޮތުން މިކުޅުނއތެރިންނަށް މި އަންނަ ހަފްތާ ބަންދުގައި ކުޅޭ މެޗްތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ.

ބްރެޒިލްގެ ފުލުހުން ރޭ ހާމަކޮށްފައިވަނީ އާޖެންޓީނާގެ އެކުޅުންތެރިން އެޤައުމުގެ ކަރަންޓީން ގަވައިދާއި ހިލާފު ވެފައިވާތީ އެކަން ރަސްމީކޮށް ބަލަމުންދާކަމަވެ. ބްރެޒިލްގެ ސިއްހީ އޮފިޝަލުން ބުނީ އާޖެންޓީނާގެ މި ހަތަރު ކުޅުންތެރިން ދީފައިވަނީ ދޮގު މައުލޫމާތު ކަމަށެވެ. އަދި އެކަން އެނގުނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި އަދި ހޮނިހިރު ދުވަހު ބެއްވި ބައްދަލު ވުމެއްގައި އެކުޅުންތެރިން ކަރަންޓީން ވާން ޖެހޭކަން ހާމަކޮށްފައިވާނެކަމަށެވެ. ނަމަވެސް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ބްރެޒިލްގެ ސިއްހީ އޮފިޝަލުން އެންގި ހުރިހާ ކަމަކަށް ބޯލައިބައިގެން އެކަންތައްތަކާއި އެއްގޮތަށް ކަންތައްތައް ކުރަމުންދާކަމަށެވެ. އަދި ބްރެޒިލްގެ ފުޓްބޯޅަ އެސޯސިއޭޝަނުންވެސްވަނީ އެޤައުމުގެ ސިއްހީ އޮފިޝަލުން މިކަން ހުއްޓުވަން އުޅުނު ވަގުތާއި މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.