ސިޔާސީ

3000 މެމްބަރުން ހަމަނުވާ 8 ސިޔާސީ ޕާޓީއެއް އުވާލަނީ


3000 މެމްބަރުން ހަމަ ނުވާ 8 ސިޔާސީ ޕާޓީއެއް އުވާލުމަށް ފުރިހަމަ ކުރަންޖެހޭ އިޖްރާތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.3000މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަކީ:-1- އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ،2- ދިވެހިރައްޔިތުންގެ ޝޯސަލް ޑިމޮކްރެޓިކް ޕާޓީ،3- ޝޯސަލް ލިބަރަލް ޕާޓީ،4- ޕީޕަލްސް ޕާޓީ،5- މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް،6- ޕީޕަލްސް އެލައަންސް،7- މޯލްޑިވިއަން ލޭބާ ޕާޓީ8- ދިވެހި ގައުމީ ޕާޓީސިޔާސީ ޕާޓީގެ ޤާނޫނަށް ގެންނެވި އިސްލާހުގައި ވާގޮތުން ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން 3000 މެންބަރުން ހަމަނުވާ ޕާޓީތައް، މެންބަރުންގެ އަދަދު ހަމަކުރުމަށް 3 މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު އުވާލަންޖެހެއެވެ.އިސްލާޙާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ޤާނޫނުގައި ބަޔާންކުރާ 3 މަސްދުވަހުގެ ނޯޓިސް މިދިޔަ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު މި ޕާޓީތަކަށް ދެއްވާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާން ވިދާޅުވީ 3000 މެންބަރުން ހަމަކުރުމަށް ޕާޓީތަކަށް ދީފައިވާ ފުރުޞަތުގައި ނޯޓިސް ދީފައިވާ އެއްވެސް ޕާޓީއަކަށް އެއަދަދު ހަމަކުރެވިފައި ނުވާކަމަށެވެ.ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ސިޔާސީ ޕާޓީއެއް އުވާލުމުގެ ކުރިން ކަނޑައެޅިފައިވާ ވަކި އިޖްރާޢަތުތަކެއް ފުރިހަމަ ކުރަންޖެހެއެވެ. އެގޮތުން އެޕާޓީއެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މުދާތަކާއި، އަރަންޔާއި ދަރަނީގެ ހިސާބު ދެނެގަންނަންޖެހެއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާން ވިދާޅުވީ، ނޯޓިސް ދީފައިވާ ބައެއް ޕާޓީތަކުގެ މަސްޢޫލުވެރި ފަރާތް ދެނެގަތުމުގައިވެސް ދަތިތަކާ ކުރިމަތިވަމުން ދާކަމަށެވެ.ސިޔާސީ ޕާޓީ އުވާލުމަށްފަހު އުވާލާ ޕާޓީގެ ނަމުގައި މިލްކު ކޮށްފައިވާ އެންމެހައި މުދާތަކާއި، ބިންބިމާއި، އިމާރާތްފަދަ ތަންތަން އޮޑިޓަރ ޖެނެރަލް ކަނޑައަޅުއްވާ ގޮތެއްގެ މަތިން ޢާންމުކޮށް ހުޅުވާލައިގެން ނީލަން ކިޔަންޖެހެއެވެ. އަދި ނީލަމުގައި ލިބޭ ފައިސާ ބޭނުން ކުރަންޖެހެނީ އުވާލާ ޕާޓީގެ ދަރަނިތައް އަދާކުރުމަށެވެ. އިތުރުވާ ފައިސާ ޖަމާކުރެވޭނީ ދައުލަތުގެ މާލިއްޔާއަށެވެ. އަދި ޕާޓީގެ މިލްކުގައި ހުރި ހަރުމުދާ ވިއްކައިގެންވެސް ޕާޓީގެ ދަރަނި އަދާ ނުކުރެވޭނަމަ އެފައިސާ ދެއްކުމުގެ ޒިންމާ އަދާ ކުރަންޖެހޭނީ އޮޑިޓަރ ޖެނެރަލް ހުއްދަ ލިބިގެން ޕާޓީގެ ނިންމުންތައް ނިންމުމަށް އޮތް ގުނަވަނުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.ރާއްޖޭގައި 14 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެއެވެ. މީގެ ތެރެއިން އުވާލެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ 8 ސިޔާސީ ޕާޓީ ނުހިމަނައި 6 ޕާޓީއެއް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނެއެވެ. އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)، އާއި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ)އާއި، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)އާއި، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރް.ޕީ)އާއި، ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއެވެ.