ވަޒީފާގެ މައިދާނުގައާއި ޢާމްދަނީ ހޯދުމުގެ ދާއިރާގައި މިހާރު ރާއްޖޭގައި މިންތީގެ ތަފާތުކުރުމެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އަންހެނުން ބާރުވެރިކުރުވައި ކުރިއެރުމުގައި އަދިވެސް ދަތިތަކެއް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.
2020ވަނަ އަހަރާއި 2021ވަނަ އަހަރުގެ ރެހެންދި އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެންނަމުންދާކަމަށެވެ. އެގޮތުން މިއަދު ޙާލަތަށް ބަލާއިރު ވަޒީފާގެ މައިދާނާއި ޢާމްދަނީ ހޯދުމުގެ ދާއިރާގައި ދެޖިންސުގެ ދެމެދުގައި ތަފާތުކުރުން ނެތޭ ބުނެވިދާނެކަމަށެވެ. އެހެންނަމަވެސް އަންހެނުން ކުރިއަރައިދިއުމުގައި އަދިވެސް ހުރަސްތަކެއް އެބަހުރިކަން ޤަބޫލުކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޤައުމީ ތަރައްޤީގެ މުހިންމު ކަންކަން ނިންމުމުގައި އަދިވެސް އެކަށީގެންވާ ގޮތުގައި އަންހެނުނަށް ފުރުސަތުތައް ނުލިބޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރު ކުރައްވަމުންގެންދަވަނީ މިހުސްކަން ފޫބެއްދުމުގެ މަސައްކަތްތައްކަމަށް ރައީސް ވިދާޅުވިއެވެ.
"ގޮތް ނިންމާ ފެންވަރުގައި އަންހެނުންގެ ހިއްސާ ކަށަވަރުކުރުމުގައި އަދިވެސް ގޮންޖެހުން އެބަހުރި. އަންހެނުންނާއި ފިރިހެނުންގެ ޒިންމާތަކާ މެދު މުޖުތަމަޢުގައި ހުރި ޤަބޫލުކުރުންތަކެއްގެ ސަބަބުން ހުރި ގޮންޖެހުންތަކެއް. ޤާނޫނީ ބާރުވެރިކަމާއެކު ކުރެވޭ މަސައްކަތުގެ ތެރެއިން މިވިސްނުން ބަދަލުކުރެވިދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރައީސްވަނީ ވޭތުވެދިޔަ ކައިރި މާޒީގައި އަންހެނުންގެ ތަރައްޤީއަށް ކޮށްފައިވާ މުހިއްމު ކަންކަމަށް އަލިއަޅުއްވާފައެވެ. އެގޮތުން ސިޔާސީ ދާއިރާއިންނައި އިޖްތިމާއީދާއިރާއިން ކުރެވުނު ބޮޑެތި މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ރާއްޖޭގެ ތަރައްޤީގައި އަންހެނުންގެ ހިއްސާއާއި ގުޅޭގޮތުންވެސް ރައީސްވަނީ ވާހަކަފުޅުދައްކަވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ޤައުމު ބިނާކުރުމަށް ޢިލްމު ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވާ %78އަކީ އަންހެނުންކަމަށެވެ. އަދި އަންހެނުންގެ ތަރައްޤީއަށް ހުރަސްއަޅާފަދަ ވިސްނުންތަކެއް މުޖުތަމަޢުގައި ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެވިސްނުން ބަދަލުކުރުމަކީ ޤާނޫނަކުން ކުރެވޭނެކަމެއް ނޫންކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައިވަނީ ކޯވިޑްގެ ތެރޭގައި އަންހެނުން ދެއްކި އާދަޔާ ޚިލާފު ހިތްވަރު ފާހަގަކުރައްވާފައެވެ. އެގޮތުން ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ގޭތެރޭގެ ޚަރަދު ދެކޮޅު ޖެއްސުމަށް އަންހެނުން ކުރި މަސައްކަތާއި ގެއާއި ޢާއިލާއާއި ދުރުގައި ކޯވިޑުން ޤައުމު ސަލާމަތްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރި ކަންބަލުންނާއި ސަރުކާރުގެ މުވައްސަސާތަކުގެ ބޭރުން އަމިއްލައަށް ޤައުމަށް ޚިދުމަތް ކުރައްވަމުންގެންދަވާ ނަމޫނާ އަންހެނުންގެ ޚިދުމަތްތައް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
ރެހެންދި އެވޯޑަކީ ދައުލަތުގެ ފަރާތުން އަންހެނުން ބާރުވެރިކުރުމަށް ފަރުދީ ގޮތުންނާއި މުވައްސަސާތަކުން އަދި ޖަމިއްޔާ ޖަމާޢަތްތަކުގެ ފަރާތުން ކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން އަހަރަކު އެއްފަހަރު ދެމުން އަންނަ އެވޯޑެކެވެ. މިއީ 2013ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީގެ ބެލުމުގެ ދަށުން ދެމުން އަންނަ އެވޯޑެކެވެ.
މޫސާ
އަންހެނުން ބާރުވެރިކުރުވަން އުޅެގެން ފެންނަނީ ދެޖިންސުގެ ހަމަހަމަކަން ނަގާލާތަން. ވަޒީފާގެ މައިދާނުގަ ދެޖިންސުގެ ދެމެދުގައި ތަފާތުކުރުމެއް ނެތޭ ބުނެވޭކަށް ނެތް. މިސާލެއްގެ ގޮތުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނެސްގެން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުން އަދި ގިނަ ވަޒީފާތައް އަންހެނުންނަށް ހާއްސަވެގެންދިއުން.