ޚަބަރު

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލަކުން ފަލަސްޠީނުގެ 6 ޤައިދީން ފިލައިފި


އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު އިސްރާއީލުގައި ހިންގައި ޖަލަކުން ފަލަސްޠީނުގެ 6 ޤައިދީން ފިލައިފިއެވެ.

ޔަހޫދީންގެ އިސްތިޢުމާރީ ބާރުތަކުންވަނީ ގިލްބާއޯ ޖަލުން ފިލި ފަލަސްޠީނުގެ ޤައިދީން ހޯދުމުގެ މަސައްކަތް ފަށައިފައެވެ. ޔަހޫދީން މީގެ ކުރިން ބުނެފައިވަނީ އެ ޖަލުގައި އަޅާފައިވަނީ އެންމެ ވަރުގަދަ ސަލާމަތީ ފިޔަވަޅުތައްކަމަށާއި އެ ޖަލުން ފިލުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ. އެ ޖަލުގައި ގިނައިން ބަންދުކޮށްފައި ތިބީ ޔަހޫދީންނާ ދެކޮޅަށް ތަފާތު ޙަމަލާތައް ދީފައިވާ ފަލަސްޠީނުގެ ރައްޔިތުންނާއި ޔަހޫދީންގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި ފަލަސްޠީނުގެ ރައްޔިތުންނެވެ.

އިސްރާއީލުން ބުނެފައިވާ ގޮތުގައި ޤައިދީން ފިލާފައިވަނީ ބިންގަރާސް ކޮނެގެންނެވެ. އެ ޖަލު ހުންނަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާ އެންމެ 4 ކިލޯމީޓަރު ދުރުގައެވެ. އެހެންކަމުން ޔަހޫދީން ޤަބޫލުކުރާ ގޮތުގައި ޖަލުން ފިލި ޤައިދީން ހުޅަނގު އައްސޭރިގައި ފިލައިގެން އުޅުން އެކަށީގެންވެއެވެ. ޔަހޫދީންގެ ޖަލަކުން އެ ޤައިދީން ފިލުމުން ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތް ހިމެނޭ ގޮތަށް ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަކުރާ ޖަމާޢަތްތަކުންނާއި ފަލަސްޠީނުގެ ގިނަ ޢަދަދެއް ޢާއްމުންވަނީ އުފާފާޅުކޮށްފައެވެ.

ގިލްބާއޯ ޖަލުން ފިލި ފަލަސްޠީނުގެ ޤައިދީންގެ ތެރޭގައި ފަޠަޙަ ޖަމާޢަތުގެ އަލްއަޤްޞާ މާޓިޔާސް ބުރިގޭޑުގެ އިސްވެރިއެއްކަމަށްވާ ޒަކަރިއްޔާ ޒުބެއިދީ ހިމެނެއެވެ. އޭނާއަކީ 2000ވަނަ އަހަރުން 2005ވަނަ އަހަރާ ހަމައަށް ޔަހޫދީންނާ ދެކޮޅަށް ނުރައްކާތެރި ޙަމަލާތަކެއް ދިނުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި އެކަކެވެ. ޖަލުން ފިލި 6 ޤައިދީންގެ ތެރެއިން 4 މީހުންނަށްވަނީ އުމުރުދުވަހުގެ ޖަލު ޙުކުމެއް އިއްވައިފައެވެ.

ޔަހޫދީންގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓުގެ ރަސްމީ އިދާރާއިން ބުނެފައިވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ޖަލަކުން ޤައިދީންތަކެއް ފިލުމަކީ ކަނބޮޑުވާކަމެއްކަމަށެވެ.