ޚަބަރު

ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމިޓީގެ ބައްދަލުވުން ފަށައިފި


ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ކޮމިޓީގެ 74 ވަނަ ބައްދަލުވުން މިއަދު ފަށައިފިއެވެ.

އަހަރަކު އެއްފަހަރު ބާއްވާ މިބައްދަލުވުން ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިއަހަރުގެ ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. މިމަހުގެ 10ގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި ރާއްޖޭގެ ވަފްދުގައި އިސްކޮށް ބައިވެރިވެވަޑައިގަންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޑރ. ޝާހް އަބްދުﷲ މާހިރުއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ މި އަހަރުގެ ބައްދަލުވުމުގައި މެންބަރ ޤައުމުތަކުން ކޯވިޑާއި ގުޅިގެން ކުރަމުންދާ މަސައްކަތްތަކާއި، ކުރެވުނު ތަޖުރިބާއާއި، މުސްތަޤުބަލުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަޒީރުންގެ ފެންވަރުގައި މަޝްވަރާ ކުރާނެކަމަށެވެ. އަދި ކޮންމެހެން ފޯރުކޮށްދެންޖެހޭ ޞިއްޙީ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށްޓަކައި ޤައުމުތަކާއި ސަރަޙައްދީ ފެންވަރުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ ކޯވިޑްގެ ޙާލަތުގައި ދެމުންގެންދާ ޞިއްޙީ އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ސިއްޙަތާއި ބެހޭ ވަޒީރުންގެ ޤަރާރެއް މިބައްދަލުވުމުގައި ފާސްކުރެވޭނެކަމަށެވެ. މިބައްދަލުވުމަށް އެޖެންޑާ ކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އެޗް.އައި.ވީ، ވައިރަލް ހެޕަޓައިޓިސް އަދި އެސް.ޓީ.އައި ފެތުރުން ހުއްޓުވުމާގުޅޭ ނިންމުމަކާއި، ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުމާއި ގުޅޭ ނިންމުމަކާއި، 2022 އާއި 2023ވަނަ އަހަރަށް މި ސަރަޙައްދަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހެިފައެވެ.

މީގެ އިތުރުންވެސް، ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުން އެންމެ ސަމާލުކަންދޭ ޞިއްޙީ މައްސަލަތަކާ ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކޮށް، އެމައްސަލަތަކަށް ޤައުމުތަކާއި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގުޅިގެން ކުރާނެ މަސައްކަތްތަކެއް ނިންމިގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާގެ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ސިއްޙަތާ ބެހޭ ވަޒީރުންނާއި ސިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް މިސަރަޙައްދުގެ ރައްޔިތުންގެ ސިއްޙަތާ ގުޅޭ މުހިންމު ކަންކަން ކަނޑައަޅައި މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުވުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެވެ.