ޚަބަރު

ޢިމާރާތްކޮށްފައިވާ ތަންތަނުގެ ރައްކާތެރިކަން ބަލަނީ


މާލޭގައި
ޢިމާރާތްކޮށްފައިވާ ތަންތަނަކީ ސަލާމަތީގޮތުން ރައްކާތެރި ގޮތްގޮތަށް ހުރި
ތަންތަންތޯ ބެއްލެވުމަށްޓަކައި ހައުސިންގ މިނިސްޓްރީން މުޅި މާލޭގައި ސާރވޭއެއް ކުރައްވަން
ފަށްޓަވައިފިއެވެ.



އާދީއްތަ ދުވަހު
މިނިސްޓްރީން ފެއްޓެވި މި ސާރވޭ ފުރަތަމަ ކުރިއަށް ގެންދަވަނީ ހެންވޭރުގައެވެ.



ހައުސިންގ
މިނިސްޓްރީން ވިދާޅުވީ ، މާލޭގައި ވަރަށް ގިނަ ޢިމާރާތްތައް ގަވާއިދާއި ޚިލާފަށާއި
ސަލާމަތީގޮތުން ނުރައްކާތެރި ގޮތްގޮތަށް ހުންނަކަން އެ މިނިސްޓްރީއަށް ފާހަގަކުރެއްވިފާކަމަށެވެ.
އަދި ސަލާމަތީ މިންގަނޑުތަކަށް ނުބަލައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް
މިނިސްޓްރީން ފާހަގަކުރައްވައެވެ.



މުޅި މާލޭގައި ސާރވޭ
ގެ މަސައްކަތްތަކެއް ކުރެއްވުމަށް މި މިނިސްޓްރީން ވަނީ ނިންމަވާފައިވާއިރު،  މި ސާރވޭ މިހާރު ކުރިއަށް ގެންދަވަނީ
ހެންވޭރުގައެވެ. މި ސަރވޭގައި ގޭގޭ ސިޑީ އާއި ، ވެންޓިލޭޝަނާއި ސިޑިގޮޅި ފަދަ
ތަންތަން ޗެކްކުރައްވާނެއެވެ.



ހައުސިންގް
މިނިސްޓަރ ޑޮކްޓަރ މުހޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގައި ޢިމާރާތްކުރާ
ތަންތަން މިހާރު އަބަދުވެސް ހައުސިންގް މިނިސްޓްރީން މޮނިޓަރ ކުރައްވަމުން
ގެންދަވާކަމަށެވެ. އެހެންނަމަވެސް މިހާރަކަށް އައިސް މާލޭގައި ޢިމާރާތްކުރަމުންދާ
ތަންތަނުގައި ހިތާމަވެރި ޙާދިޞާތައް ހިނގާފައިވާތީ، ކުރިއަށް ވުރެ ބޮޑަށް މޮނިޓަރ ކުރުމުގެ ކަންކަން ބަލަން ނިންމެވީކަމަށް.



" އަޅުގަނޑުމެން ބޭނުން ހުރިހާ ތަނެއް ރަނގަޅަށް މޮނިޓަރކުރަން.އިމާރާތްކުރާއިރު ތަނުގެ ސޭފްޓީ، ބޭނުންކުރާތަކެތީގެ ސޭފްޓީ.މިކަމަށް ވެރިފަރާތާއި މަސައްކަތް ކުރާ ފަރާތުން ރަނގަޅަށް ބަލަންޖެހޭ ޒިންމާ ނަގަންޖެހޭނެ" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.



މިނިސްޓަރ ވިދާޅުވީ
މިއީ ހަމައެކަނި މިނިސްޓްރީގެ ޒިންމާއެއް ނޫންކަމަށާއި، ޢިމާރާތުގެ ވެރިފަރާތާއި ،
ޢިމާރާތްހަދަން ހަވާލުކޮށްފައިވާ ފަރާތުންވެސް އައްމުންގެ ސަލާމަތާއި
ރައްކާތެރިކަމަށް ބައްލަވަން ޖެހޭކަމަށެވެ.



މިކަމަކީ ހުރިހާ ރައްޔިތުންގެވެސް
ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާކަމަކަށްވާތީ، މިކަމުގައި އެންމެހާ އާއްމުންގެ
އެއްބާރުލުން ދެއްވުމަށް ހައުސިންގ މިނިސްޓްރީން އެވަޑައިގަންނަވައެވެ.