ޚަބަރު

ހއ.ބާރަށް، ނ.މިލަދޫ އަދި ވެލިދޫގެ ކަރަންޓު މައްސަލަ ޙަލުކުރުމަށް ޖަނަރޭޓަރު ފޮނުވައިފި


ކަރަންޓުގެ ޚިދުމަތަކީ އެންމެ އަސާސީ ޚިދުމަތްތަކުގެ ތެރޭގަ ހިމެނޭ ކަމެކެވެ. އާބާދީ އިތުރުވަމުންދާ މިންވަރަކަށް، ކަރަންޓުގޭ ޚިދުމަތް ފުޅާކުރަން ޖެހެއެވެ. ނަމަވެސް ރާއްޖޭގެ ރަށްރަށުގެ އާބާދީގެ ޑިމާންޑާ އެއްވަރަށް ކަރަންޓު ކެޕޭސިޓީ އިތުރުކުރެވެމުން ނުދިއުމަކީ އާއްމުންގެ ކަންބޮޑުވުމެކެވެ. ޚާއްސަކޮށް މެންދުރުގެ ހޫނުގަދަ ވަގުތުގަ، ކަރަންޓު ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އެގަޑިތަކުގަ ކަރަންޓު ކެނޑުމަކީ ބައެއް ރަށްރަށުގަ އާއްމުކަމެކެވެ. މީގެ ސަބަބުން މަސައްކަތްތަކަށް ބުރޫ އެރުމާ، ކަރަންޓު ސާމާނު ހަލާކުވެ ލިބޭ ގެއްލުންވެސް ކުޑައެއް ނޫނެވެ.

އަތޮޅުތަކުގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުމުގެ މަސައްކަތް ފެނަކައާ ހަވާލުވުމާއެކު އެ ކުންފުނިން ވަނީ ރަށްރަށުގައި ހުރި މިފަދަ މައްސަލަތައް ދެނެގަނެ، ޙައްލުކޮށްދިނުމުގެ ޕްރޮޖެކްޓެއް ފަށާފައެވެ. މީގެތެރޭގައި ރަށުގެ އާބާދީއަށް ބޭނުންވާ މިންވަރަށް ކަރަންޓު ފޯރުކޮށްދިނުމަށް ރަށްރަށަށް އިންޖީނު ފޯރުކޮށްދިނުމާއި، ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ބަދަލުކުރުމާ، އިންޖީނުތައް މަރާމާތުކޮށް ސަރވިސް ކުރުމުގެ މަސައްކަތާ، މުއައްޒަފުންނަށް ތަމްރީން ދިނުން ހިމެނެއެވެ.

ފެނަކައިން ވަނީ ނ.މިލަންދުއާ، ހއ.ބާރަށާ ނ.ވެލިދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކޮށްދުމަށް އެ ތިން ރަށަށް އާ ޖެނެރޭޓަރު ސެޓު ފޮނުވާފައެވެ.

އެގޮތުން 2600 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ، ނ.ވެލިދުއަށް ވަނީ 800 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓެއް ފޮނުވާފައެވެ. ލޯޑު ބޮޑުވެ ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑު ވެލިދުއަށް ދިމާވާ މައްސަލަ، އަލަށް އިތުރުކުރި ކެޕޭސިޓީއާއެކު ޙައްލުވާނެކަމަށް ފެނަކައިން ބުނެއެވެ.

ބާރަށަކީވެސް މިހާރު އާބާދީ އިތުރުވަމުން އަންނަ ރަށެކެވެ. 1200ގެ އާބާދީއެއް އޮންނަ ބާރަށަށް ފެނަކައިން ވަނީ 448 ކިލޯ ވޮޓްގެ ޖެނެރޭޓަރު ސެޓެއް ފޮނުވާފައެވެ. ނ.މިލަދުއަށް ވަނީ 400 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓެއް ފޮނުވާފައެވެ. އެ ރަށުގެ އާބާދީ 800 އިން މައްޗަށް އަރައެވެ.

ފެނަކައަކީ އަތޮޅުތަކުގެ ގިނަ ރަށްތަކަކަށް ކަރަންޓު ފޯރުކޮށްދެންމުންދާ ޔުޓިލިޓީ ކުންފުންޏެވެ. އެގޮތުން މިހާރުވެސް 150އަށްވުރެ ގިނަ ރަށަށް އަންނަނީ ޚިދުމަތްދެމުންނެވެ.