ކުޅިވަރު

ޔޫތު ޗެމްޕިއަންޝިޕަށްދާ ޤައުމީ ނެޓްބޯޅަ ޓީމަށް ޖާޒީ ހަވާލުކޮށްފި


ނުވަވަނަ އޭޝިއަން ޔޫތު ނެޓްބޯލް ޗެންޕިއަންޝިޕަށްދާ އެކާވީސް އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމްގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ. ސަލްސާ ރޯޔަލްގައި ރޭ ބޭއްވި ޚާއްސަ ޙަފްލާއެއްގައި ނެޓްބޯޅަ ޓީމްގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޕާމަނަންޓް ސެކެޓްރީ މުޙައްމަދު މާޙިދު ޝަރީފެވެ. ނުވަވަނަ އޭޝިއަން ޔޫތު ނެޓްބޯލް ޗެންޕިއަންޝިޕް އޮންނާނީ މިމަހުގެ ސާދައިން ވިއްސަށް ހޮންކޮންގައެވެ. މިމުބާރާތުގައި ރާއްޖެ ރޭންކް ކޮށްފައިވަނީ ހަތްވަނައިގައެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ދެން ހިމެނޭ ޤައުމުތަކަކީ މެލޭޝިޔާއާއި ޖަޕާނެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި މިމަހުގެ ސާދަވަނަ ދުވަހު ރާއްޖެ ނިކުންނާނީ މެލޭޝިޔާއާ ދެކޮޅަށް، އަދި ދެވަނަ މެޗްގައި ރާއްޖެ ޖަޕާނާ ވާދަކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަނަރަވަނަ ދުވަހެވެ. ހަތަރު ގްރޫޕް ހިމެނޭ މިމުބާރާތުގެ ކޮންމެ ގުރޫޕެއްގައިވެސް ތިން ޓީމް ހިމެނޭއިރު ދެވަނަ ބުރަށްދާނީ ކޮންމެ ގުރޫޕަކުންވެސް ދެ ޓީމެވެ. މިމުބާރާތުގައި ރާއްޖޭގެ ޓީމުން އަމާޒު ކަނޑައަޅާފައިވަނީ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި އިތުރު ހަރުފަތަކަށް ދިއުމަށެވެ.