ޚަބަރު

ކުޑަރިކިލުގެ ދެކުނުފަރާތް ގިރާ ހުސްވަނީ، އަވަސް ހައްލެއް ބޭނުންވޭ

ރަށްގިރުމުގެ މައްސަލަތަކަކީ ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރެއިން ރައްޔިތުން އެންމެ ކަންބޮޑުވާ އެއް މައްސަލައެވެ.

ރަށްރަށުގެ އާބާދީ ކިތަންމެ ކުޑަނަމަވެސް ރަށްގިރާ ގެދޮރަށާއި ރަށުގެ އެކި ސަރަޙައްދުތަކަށް ގެއްލުންވުމުގެ އިތުރަށް ރަށްގިރާ ހުސްވުމަކީ ރައްޔިތުން ކަންބޮޑުވެ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓޭކަމެކެވެ. ޢާއްމުގޮތެއްގައި ރަށްގިރުމުގެ މައްސަލަތައް ދިމާވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގޮނޑުދޮށާއި އެނޫންވެސް ތަންތަނުން ވެލި ނެގުންފަދަ ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅިގެން ކުރެވޭ ބައެއް މަސައްކަތްތަކުގެ ސަބަބުންނެވެ.

ރަށްގިރުމުގެ މައްސަލަތައް ދިމާވެފައިވާ ރަށްތަކުގެ ތެރެއިން އެއް ރަށަކީ ބ.އަތޮޅު ކުޑަރިކިލެވެ. ފަހަކަށް އައިސް ރަށްގިރުމުގެ މައްސަލައަކީ އެރަށަށް އާކަމެއް ނޫނެވެ. މިހާރުވެސް އެރަށުގެ ދެކުނު ފަރާތުގެ ބޮޑުބައެއް ވަނީ ގިރާފައެވެ.

ކުޑަރިކިލުގެ ބިމުގެ ބޮޑުމިނަކީ 16.3 ހެކްޓަރެވެ. އެރަށުގެ އާބާދީގައި 600އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އައިނަމަވެސް ރަށުގެ ރައްޔިތުންވެސް ތަރައްޤީ ބޭނުންވެއެވެ. ހަމަ އެހެންމެ ރަށުގެ ރީތަކަން ދެމެހެއްޓުމާއި ރަށް ޙިމާޔަތްކުރަންވެސް ބޭނުންވެއެވެ.

ރަށަށް މިވަގުތު ދިމާވެފައިހުރި ބޮޑެތި މައްސަލަތަކުގެ ތެރެއިން ރައްޔިތުން އެންމެ ކަންބޮޑުވާ އެއްކަމަކީ ރަށް ގިރުމުގެ މައްސަލައެވެ. އެރަށަކީ މީގެ ކުރިންވެސް އެތަކެއް ފަހަރު ރަށްގިރުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ރަށެކެވެ. އެހެންނަމަވެސް މިއަދާ ހަމަޔަށް އައިރުވެސް ރަށް ހިމާޔަތް ކުރުމަށްޓަކައި މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނެތެވެ.

މިހާރަށް ބަލާނަމަ އެރަށުން ގިރަން ފަށާފައިވަނީ ރަށުގެ ދެކުނު ފަރާތެވެ. ރަށުގެ ދެކުނު ފަރާތަކީ އިންޖީނުގެއާއި ކުޅިވަރު ކުޅުމަށް ޚާއްސަކޮށްފައިވާ ދަނޑުތައްވެސް އޮންނަ ސަރަޙަދެވެ.

ކުޑަރިކިލު ކައުންސިލުން ވިދާޅުވީ ރަށުގެ ދެކުނު ފަރާތަކީ މީގެ ކުރިންވެސް ގިރަމުން އަންނަ ސަރަޙައްދެއްކަމަށެވެ. ނަމަވެސް މިފަހަރު އެސަރަޙައްދު މީގެ ކުރިން ނުގިރާހާ ބޮޑަށް ގިރަމުން އަންނަނީ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ސަބަބުންކަމަށް ލަފާކުރެވޭކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ރަށުގެ ދެކުނު ފަރާތުން މިހާރުވެސް ވަނީ 300 އެއްހައި ފޫޓު ގިރާފައެވެ. އަދި މިވަގުތަށް އެ ސަރަޙައްދު ޙިމާޔަތް ކުރުމަށްޓަކައި ވަނީ ވެލި ބަސްތާ ޖަހާފައެވެ. ކުޑަރިކުލުގެ ދެކުނު ފަރާތް ގޮނޑުދޮށުގައި އެތަކެއް ޒަމާންތަކެއްވީ ގަސްތަކާއި ރުއްތައް މިހާރުވަނީ ގިރައިގެން ވެއްޓިފައެވެ. އެ ސަރަހައްދު މިއަށްވުރެ ބޮޑަށް ގިރައިފިނަމަ އެންމެ ކައިރީގައި ހުރި އިންޖީނުގެވެސް ގެއްލިގެންދާނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް ޢަބްދުލްޙަންނާނު ޢައްބާސް ވިދާޅުވީ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ގޮޑުދޮށް ޙިމާޔަތް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިރުވެސް އެ މަސައްކަތް ކުރުމަށް ބަޔަކާ ޙަވާލުކޮށްފައިނުވާކަމަށް ހަންނާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށްޓަކައި ސަރުކާރުން ދިރާސާތަކެއްވެސް ކޮށްފައިވާކަމަށާއި ނަމަވެސް ބަޖެޓް ނުލިބިގެން އެ މަސައްކަތް ފަށާފައި ނުވާކަމަށެވެ.

ރަށްގިރުމުގެ މައްސަލައަކީ ހަމައެކަނި މިއަދަކު އެރަށަށް ކުރިމަތިވެފައިވާ މައްސަލައެއްނޫނެވެ. ހުޅަނގު މޫސުމުގެ ވިއްސާރައާއެކުވެސް ރަށުގެ އެކި ސަރަހައްދުތައް ވަނީ ގިރާފައެވެ. ދާދިފަހުން ވަނީ އެރަށު އުތުރު ފަރާތުގެ ބޮޑުބައެއްވެސް ގިރާފައެވެ. އެ ސަރަޙައްދަކީ ގިނަ ޢަދަދެއްގެ ގެތަކެއްވެސް ހުންނަ ސަރަހައްދެކެވެ.

ކުޑަރިކިލު ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތުގެ މަޢުލޫމާތު ހޯދުމަށް ޕީއެސްއެމް ނިއުސްއިން މަސައްކަތް ކުރިނަމަވެސް ޕްލޭނިން މިނިސްޓްރީން ވަކި ޖަވާބެއް ނުދެއްވައެވެ.

ކުޑަރިކިލުގެ ރައްޔިތުން މިހާރު ތިބީ ރަށުގެ ގޮޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫއު ފަށާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ސަރުކާރުން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫއުތައް ހިންގަމުންނެވެ. އެހެންނަމަވެސް ކޯވިޑް-19އާ ގުޅިގެން މިފަދަ މަޝްރޫއުތައް ކުރިއަސް ގެންދިޔުމަށް ދަތިތަކާ ކުރިމަތިވެފައިވަކަން ސަރުކާރުން ހާމަކުރައްވައެވެ.