ޚަބަރު

އަފްޣާނިސްތާނުގައި އެތެރޭގެ އުދުހުންތައް އަލުން ފަށައިފި


އަފްޣާނިސްތާނުގެ ވެރިކަމަށް ޠާލިބާން ޖަމާޢަތުން އައިފަހުން ފުރަތަމަ ފަހަރަށް އެ ޤައުމުގައި އެތެރޭގެ އުދުހުންތައް ފަށައިފިއެވެ.

އަފްޣާނިސްތާނުގެ ޤައުމީ އެޔަރރލައިންކަމަށްވާ އާރިޔާނާ އަފްޣާން އެޔަރލައިނުން ބުނެފައިވަނީ ކާބުލްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އެ ޤައުމުގެ ތިން ސަރަޙައްދަކަށް އުދުހުންތައް ފަށައިފައިވާކަމަށެވެ. އޭގެ ތެރޭގައި އަފްޣާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށްވާ ކަންދަހާރާއި މަޒާރީޝަރީފު ހިމެނޭކަމަށް އެ އެޔަރލައިނުން ބުނެފައިވެއެވެ. 1955ވަނަ އަހަރުގެ ތެރޭގައި އުފެއްދި އާރިޔާނާ އަފްޣާން އެޔަރލައިނުން ބުނެފައިވަނީ އެތެރޭގެ އުދުހުންތައް ފެށުމަކީ ފަޚޫރުވެރިވާކަމެއްކަމަށާއި އިތުރު މަންޒިލްތަކަށް ވައިގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

20 އަހަރުދުވަހަށްފަހު އެމެރިކާއާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުގައި ވެރިކަންކުރާ ޠާލިބާން ޖަމާޢަތުންވަނީ ކާބުލްގެ ވައިގެ ބަނދަރާ ޙަވާލުވެފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއް ހިންގުމުގެ ހުނަރާއި ޤާބިލުކަން ޠާލިބާނުންގެ ކިބައިގައި ނެތުމުން އެ ޖަމާޢަތުންވަނީ ޤަޠަރާއި ތުރުކީވިލާތުގެ އެހީތެރިކަމަށް އެދިފައެވެ. ގާތްގަނޑަކަށް ފަސް ދުވަހަށްފަހު ކާބުލްގެ ވައިގެ ބަނދަރު ހުޅުވާފައިވަނީ ޤަޠަރުގެ ފަންނީ އެހީތެރިކަމާއެކުއެވެ. އެ ގޮތުން ޤަޠަރުންވަނީ ކާބުލްގެ ވައިގެ ބަނދަރުގެ ރަންވޭ މަރާމާތުކޮށްދީފައެވެ.

އޮގަސްޓު މަހުގެ 30ވަނަ ދުވަހުގެ މެންދަމު އެމެރިކާއާއި ނޭޓޯގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުމުން އެ ޤައުމުގެ ވައިގެ ބަނދަރުގެ ޚިދުމަތްތައް ހުއްޓުނެވެ. އެއާއެކު އަފްޣާނިސްތާނަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށްވަނީ އެހީގެ ސަމާނު ފޯރުކޮށްދެވޭނެ ގޮތެއް ނެތިފައެވެ. އަދި ބައިނަލްއަޤްވާމީ އެހީތެރިކަން އަވަހަށް ނުލިބިއްޖެނަމަ އަފްޣާނިސްތާނުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ބަނޑުހައިހޫނުކަމާ ކުރިމަތިލާނެކަމަށް އދންވަނީ ބުނެފައެވެ.