ކުޅިވަރު

އެސޯސިއޭޝަންތަކުގެ އިސްވެރިންނާއެކު މިނިސްޓަރ ބޭއްވި ބައްދަލްވުން


 ކުޅިވަރާބެހޭ މިނިސްޓްރީގެ
އިސްމާޤާމެއް ފުރުވަމުންގެންދާވާ އެއްވެސް ބޭފުޅަކު ކުޅިވަރު އެސޯސިއޭޝަނެއްގެ
އެއްވެސް އިސްމަޤާމަކަށް މީގެފަހުން ކުރިމަތި ނުލައްވާނެކަމުގެ ޔަޤީންކަން
ދެއްވާކަމަށް ޔޫތް މިނިސްޓަރ އަޙުމަދު ޒުހޫރު ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓަރގެ
އިސްނެންގެވުމަކަށް ޔޫތް މިނިސްޓްރީގެ އިސްބޭފުޅުންނާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ
އިސްވެރިންނާއެކު މިއަދު ހެންވޭރު ބޯޅަ ގޭގައި ބޭއްވެވި ބައްދަލުވުމުގައި
ވާހަކަފުޅުދައްކަވަމުން ޔޫތް މިނިސްޓަރ އަޙުމަދު ޒުހޫރު ވިދާޅުވީ ޔޫތް
މިނިސްޓްރީއަކީ ކުޅިވަރުތަށް ކުރިއެރުވުމަށާއި، ސަރުކަރުން
ތަންފީޒްކުރުމަށް ބޭނުންވާ ސިޔާސަތުތަށް ތަންފީޒް ކުރެއްވުމަށް މަސައްކަތްކުރައްވާ
މިނިސްޓްރީއެއް ކަމަށެވެ.

މިނިސްޓަރ ޒުހޫރު
ވިދާޅުވީ މިދުވަސްވަރު އެންމެ އަޑުހަރުކޮށް މީޑިޔާގައި ދެކެވެމުންދާ ވާހަކައަކީ އެފްއޭއެމްގެ
އިންތިޚާބަށް ޔޫތް މިނިސްޓްރީ ނުފޫޒް ފޯރުއްވުމަށް މަސައްކަތް ކުރައްވާ ވާހަކަތައްކަމަށެވެ.
މިކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރ ޒުހޫރު ވިދާޅުވީ މިނިސްޓްރީގެ މަޤާމްތައް
ފުރުއްވަމުން ގެންދަވާ ބޭފުޅުން އެފްއޭއެމްގެ އިސްމަޤާމެއް ފުރުއްވަން މަސައްކަތްކުރައްވާ
ކަމަށް އަޑުފެތުރިފައިވިޔަސް އެފުރުޞަތު ނުދެއްވާނެ ކަމަށެވެ. އަދި މިނިސްޓްރީގެ
އިސްމަޤާމެއް ފުރުއްވާ ބޭފުޅަކަށް ހުންނެވޭނީ އެސޯސިއޭޝަނެއްގެ އާންމު
މެމްބަރެއްގެ ގޮތުގައި އެކަނި ކަމަށްވެސް ޔޫތް މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ. އެފްއޭއެމްއަކީ އަދި ފުޓްބޯޅައަކީ ރާއްޖޭގެ އެންމެ ގިނަ ބަޔަކު ކުޅޭ
ކުޅިވަރަށްވެފައި، ފުޓްބޯޅައަށް އެއްވެސް ޙާލެއްގައި ދެރައެއް
ލިބުމަކީ ސަރުކާރުން އެދިވަޑައިގަންނަވާ ކަމެއް ނޫންކަމަށާއި، އަދި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަކީ ފުޓްބޯޅައަށް ޚާއްޞަކޮށް ކުޅިވަރަށް ވަރަށް
އިސްކަންދެއްވާ ބޭފުޅެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެފްއޭއެމްގެ އިންތިޚާބްގެ
ކަންތައްތަކުގައި ޔޫތް މިނިސްޓްރީ އެއްވެސް ނުފޫޒެއް ފޯރުއްވާފައިނުވާނެކަމަށާއި
މިއަހަރު އެންމެ ގިނަ ފައިސާ ޚަރަދުކުރައްވާފައި ވާނީވެސް ފުޓްބޯޅައަށްކަމަށް ޔޫތް
މިނިސްޓާރ ޒުހޫރު ވިދާޅުވިއެވެ. ކޮންމެ ބޭފުޅަކު އެފްއޭއެމްގެ ރައީސްކަމަށް އިންތިޚާބް
ވެވަޑައިގަތަސް އެބޭފުޅަކަށް ސަރުކާރުގެ ފުރިހަމަ ތާއީދު އޮންނާނެކަމަށްވެސް ޔޫތް
މިނިސްޓަރ އަޙުމަދު ޒުހޫރު ވިދާޅުވިއެވެ.

" އެފްއޭއެމްގެ ކޮންގްރެސް ބެއްވުމުގައި ވަރަށް ގިނަ ކުލަބްތަކުން ގުޅާފައެހި ޝަވީދުއަށް ސަރުކާރުގެ ތާޢީދު އެބައޮތްތޯ. އަޅުގަނޑު އެބޭފުޅުންނަށްވެސް ޔަގީންކަން އެރުވިން ސަރުކާރުގެ ސަޕޯޓް ޝަވީދުއަށް އެބައޮތްކަމަށް. އަޅުގަނޑުގެ ސަޕޯޓްވެސް ޝަވީދުއަށް އެބައޮތް އަދި ރައީސުލްޖުމްހުރިއްޔާގެ ސަޕޯޓްވެސް ޝަވީދުއަށް އެބައޮތޭ. އޭގެ މާނައަކީ އެހެން ބޭފުޅެއް ކުރިމަތި ނުލާށެކޭނޫން. އެހެން ބޭފުޅަކުވެސް ވިން ވެއްޖެކަމަށްވާނަމަ، އެބޭފުޅަކާއެކުވެސް އަޅުގަނޑުމެން ތިބޭނަން. އެބޭފުޅަކަށްވެސް ފުލް ސަޕޯޓް ދޭނަން. އެބޭފުޅަކަށް ޓްރަސްޓްވެސް ކުރާނަން. ޝަވީދަށް ހަމައެކުރާ ޓްރަސްޓް، ސަރުކާރުން ވަކިބަޔަކު ތަފާތެއް ނުކުރާނެ. އަދި ވަކި ކުޅިވަރެއްވެސް ތަފާތެއް ނުކުރާނެ. ކުޅިވަރު އެސޯސިއޭޝަން ތަކުގެ ވެރިންނާ، އެފްއޭއެމްގެ ވެރިންނާ، ހުރިހާ ފަރާތަކަށްވެސް އަޅުގަނޑުމެން ފުރިހަމަ ތާޢީދުކުރަން، ސަރުކާރުގެ ފަރާތުންވެސް އަދި މިއަދުގެ ރައީސުލް ޖުމްހުރިއްޔާވެސް." މިނިސްޓަރ ޒުހޫރު ވިދާޅުވިއެވެ.



އެސޯސިއޭޝަންތަކާއެކު ބޭއްވެވި
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން ޔޫތް މިނިސްޓަރ ޒުހޫރު
ވިދާޅުވީ އެފްއޭއެމް ވިއަސް އަދި އެހެން އެސޯސިއޭޝަނެއްވިޔަސް،  އެ އެސޯސިއޭޝަންތައް ހިގަންވާނީ ރާއްޖޭގެ
ޤާނޫނުތަކާ އެއްގޮތަށްކަމަށެވެ. ޔޫތް މިނިސްޓްރީއިން އެއްވެސް އެސޯސިއޭޝަނާމެދު
ތަފާތުކުރުމެއް ނުގެންގުނޭނެކަމަށާއި މިނިސްޓްރީއަކީ އަބަދުވެސް ކުޅިވަރު
ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ މިނިސްޓްރީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މިއަދުގެ ބައްދަލުވުމުގައި
މަޝްވަރާކުރައްވައި ޚިޔާލު ބަދަލުކުރެވިގެން ދިތަ ވަގުތު، ޚިޔާލު
ތަފާތުވެވަޑައިގެން އެކަންކަމުގައި އެކި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް
ހާމަކުރެއްވުމުގެ ތެރޭގައި ދެބަސްވުންތަކެއް ވަނީ ހިނގާފައެވެ.



 މިބައްދަލުވުމުގައި އެފްއޭއެމްގެ
ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއަރމަން މުޙައްމަދު ޝަވީދު ވިދާޅުވީ އެފްއޭއެމް
އަބަދުވެސް މަސައްކަތްކުރާނީ ސަރުކާރާއި، ޔޫތް މިނިސްޓްރީއާ ގުޅިގެންކަމަށެވެ. ނަމަވެސް ޔޫތް މިނިސްޓްރީގެ ތެރޭގައިވެސް ރަނގަޅު
ކުރަންޖެހޭ ބައެއް ކަހަލަ ކަންތައްތައް އެބަހުރިކަމަށް ޝަވީދު ވިދާޅުވިއެވެ. އަދި
މިއަދުގެ ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ފުޓްބޯޅަ ކުރިއެރުއްވުމަށް
ކުރަންވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، ޝަވީދު ވަނީ އެމަނިކުފާނަށް
ޝުކުރުއަދާކުރައްވާފައެވެ.