ކުޅިވަރު

ޔޫއެސް އޯޕަންގެ ތިންވަނަ ބުރުން ބަރޓީ ބަލިވެއްޖެ


ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އަންހެން ކުޅުންތެރިޔާ އޮސްޓްރޭލިއާގެ އޭޝްލީ ބަރޓީ ބަލިވެއްޖެއެވެ. ބަރޓީ ބަލިވެފައިވަނީ ޝެލްބީ ރޮޖަރސް އާއި ބައްދަލުކުރިމެޗުން 2 ސެޓް އެއްސެޓުން ބަލިވުމުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފުރަތަމަ ސެޓް ހައެއް ދެއަކުން ކާމިޔާބުކުރީ ޝެލްބީއެވެ. ނަމަވެސް ދެވަނަ ސެޓް ބަރޓީ ކާމިޔާބުކުރީ އެކެއް ހަޔަކުންނެވެ. އަދި ތިންވަނަ ސެޓްގައި ބަރޓީ ވަނީ ފަސް ގޭމް ދެ ގޭމްގެ ލީޑެއް ނަގާ މެޗަށް ސަރވްވެސް ކޮށްފައެވެ. ނަމަވެސް ޝެލްބީ ވަނީ އެހާހިސާބުން ކުޅުން ރަނގަޅުކޮށް ހައެއް ހަޔަކުން ފަހު ސެޓް ކާމިޔާބުކޮށް ގިނަ ބަޔަކު ހައިރާން ކޮށްލާފައެވެ.

އެންމެފަހުން ބޭއްވި ވިމްބަލްޑަން ޓޭނިސް މުބާރާތް ކާމިޔާބު ކޮށްފައިވާ ބަރޓީއަށް މިހާތަނަށް ޔޫއެސް އޯޕަންގެ ހަތަރު ވަނަ ބުރަށް ވުރެއް ދުރަށް ދެވިފައެއް ނުވެއެވެ. ހަތަރު ވަނަ ބުރުގައި ޝެލްބީ ބައްދަލުކުރާނީ އިނގިރޭސިވިލާތުގެ ޒުވާން ކުޅުންތެރިޔާ އެމާ ރަޑުކާނޫއާއެވެ. ރަޑުކާނޫ ހަތަރު ވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ސްޕެއިންގެ ސާރާ ސޮރީބޭސް ޓޯމޯ ސީދާ ދެސެޓުން ވަރަށް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ސުމެއްއަދި ހައެއް އެކަކުންނެވެ. އެހެން މެޗްތަކަށް ބަލާލާއިރު 2019 ވަނަ އަހަރުގެ ޗެމްޕިއަން ބިއާންކާ އަންޑްރީސްކޫ އާއި ބެލްޖިއަމްގެ ގްރީޓް މިނެން ބައްދަލުކުރިމެޗް ހައެއް އެކެއް އަދި ހައެއް ދެއަކުންނެވެ. ބިއާންކާ ހަތަރު ވަނަ ބުރުގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ފްރެންޗް އޯޕަންގެ ސެމީފައިނަލްގައި ވާދަކުރި މާރިއާ ސަކާރީއާއެވެ. ގްރީސްގެ ސަކާރީ ހަތަރު ވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ޕެޓްރާ ކްވިޓޯވާ އާއި ބައްދަލުކުރިމެޗް ހައެއް ހަތަރެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްގެންނެވެ.