ކުޅިވަރު

މޮންޓެނީގްރޯއާ ވާދަކޮށް ނެދަަލަންޑްސް މެޗު ކާމިޔާބުކޮށްފި


ވާރލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ސަރަހައްދުގެ ގްރޫޕް ޖީ ގައި ނެދަލަންޑްސް އާއި މޮންޓެނީގްރޯ ބައްދަލުކުރިމެޗް ނެދަލަންޑްސް ކާމިޔާބުކޮށްފިއެވެ. ނެދަލަންޑްސްގައި ކުޅުނު މިމެޗް އެޓީމު ކާމިޔާބުކުރީ ފަސޭހަ ކަމާއެކު 4 ލަނޑު ސުންލަނޑުންނެވެ.

މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މެމްފިސް ޑެޕާއިއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓްގައި ޖަހައިދިނީވެސް ޑެޕާއިއެވެ. މިއީ އޭނާ ނެދަލަންޑްސް ޤައުމީ ޓީމަށް ޖަހައިދިން 30 ވަނަ ލަނޑެވެ. މިމެޗްގައި ނެދަލަންސްގެ ތިންވަނަ ލަނޑު 70 ވަނަ މިނެޓްގައި ޖިއޯޖީނިއޯ ވައިނާލްޑަމް ކާމިޔާބުކޮށްދިން އިރު އޭގެ 6 މިނެޓްފަހުން އެޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ކޯޑީ ގަކްޕޯއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ޖަހައިދިނިން ފުރަތަމަ ލަނޑެވެ. މިމެޗްގައި މޮންޓެނީގްރޯއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ. ނެދަލަންޑްސްގެ ޑިފެންސަށްށް ހެދުނު ގޯސްތަކުގެ ސަބަބުން ތަނަވަސް ވެގެންދިޔަ މި ހަމަލާތަކުގެ ބޭނުން މޮންޓެނީގްރޯއަށް ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ނެދަލަންށް މިހާރުވަނީ ގްރޫޕް ޖީގެ ދެވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު ފަސް މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އުޅޭނީ ރޭ ޖިބްރޯލްޓަރ އާއި ބައްދަލުކޮށް 3 ލަނޑު ސުންލަނޑުން މެޗް ކާމިޔާބުކުރި ތުރުކީވިލާތެވެ. އެޓީމަށް ވަނީ 5 މެޗުން 11 ޕޮއިންޓް ލިބިފައެވެ.