ކުޅިވަރު

ޔޫކްރެއިން އާއި ފަރަންސޭސިވިލާތް ބައްދަލުކުރިމެޗް އެއްވަރު


ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕް ސަރަހައްދުގެ ގުރޫޕު ޑީ ގައި ޔޫކްރެއިން އާއި ފަރަންސޭސިވިލާތް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ޔޫކްރެއިންގައި ކުޅުނު މިމެޗް އެއްލަނޑު އެއްލަނޑުންވީ އެއްވަރެވެ.

ފަރަންސޭސި ޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗްވެސް ނިމިފައިވަނީ އެއްވަރު ވެގެންނެވެ. މިމެޗްގެފުރަތަމަ ލަނޑު މެޗްގެ 44 ވަނަ މިނެޓްގައި ޖަހައިދިނީ މައިކޯލާ ޝަޕަރެންކޯއެވެ. ނަމަވެސް ފަރަންސޭސި ޓމުން މެޗްގެ 50 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލްއެވެ. މިއީ އޭނާ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑެވެ. އަދި 2016 ވަނަ އަހަރަށް ފަހު ޤައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މިމެޗްގައި ފަރަންސޭސި ޓީމަށް މެޗުން މޮޅުވާނެ ރަނގަޅު ފުރުސަތއް ލިބިގެންދިޔައެވެ. ނަމަވެސް މޫސާ ޑިއާބީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލް ދަނޑިއަށެވެ. ގްރޫޕް ޑީ ގައި މިހާތަނަށް ކުޅުނު 10 މެޗްގެ ތެރެއިން 7 މެޗް ނިމިފައިވަނީ އެއްވަރު ވެގެންނެވެ. މީގެތެރޭގައި ޔޫކްރެއިން މިހާތަނަށް ކުޅުނު ފަސް މެޗް ހިމެނެއެވެ.

މިމެޗް އެއްވަރު ވުމުން ފަރަސްސޭސި ޓީމް އުޅެނީ ކުޅުނު ފަސް މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ޔޫކްރެއިން ވަނީ ފަސް މެޗުން ލިބިފައިވާ 5 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ވެއްޓިފައެވެ. ދެވަނައިގައި މިހާރު އުޅެނީ ކަޒަކިސްތާނާއި ރޭ ބައްދަލުކޮށް އެއްލަނޑު ސުންލަނޑުން މޮޅުވި ފިންލަންޑެވެ. ފިންލަންޑަށް 3 މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު އަދި ދެ މެޗު ނުކުޅެ އެބައޮތެވެ. މިއަންނަ އަންގާރަ ދުވަހު ފަރަންސޭސީން ބައްދަލުކުރާނީ އަމިއްލަ ޤައުމުގައި ފިންލަންޑާއެވެ.