ޚަބަރު

ފަސް ރަށެއްގެ ސްކޫލްތައް ތަރައްޤީކުރާނެ ބަޔަކު ހޯދަނީ


އިތުރު ކްލާސްރޫމްތަކާއި މަލްޓިޕަރޕަސް ހޯލްގެ މަސައްކަތާއެކު އަތޮޅުތަކުގެ 5 ސްކޫލެއް އިތުރަށް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. މީގެތެރޭގަ ހިމެނެނީ ށ.ފުނަދޫ ސްކޫލް، ތ.އޮމަދޫ ސްކޫލް، އއ.ހިމަންދޫ ސްކޫލް، ރ.އިނގުރައިދޫ ސްކޫލް އަދި ށ.ކަނޑިތީމުގައި ހުންނަ ށ.އަތޮޅު ސްކޫލެވެ.

ރާއްޖޭގެ ތަޢުލީމީ ނިޒާމު ތަރައްޤީކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. ޚާއްސަކޮށް ސްކޫލްތަކަކީ ކުދިންނަށް ކިޔެވުމަށް އެކަށީގެންވާ މާޙައުލަކަށް ހެދުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމިނިސްޓްރީއިން އަންނަނީ އެއްވެސް ރަށެއް ތަފާތުކުރުމެއްނެތި އަތޮޅުތަކުގެ ސްކޫލްތަކަށްވެސް އުމްރާނީ ތަރައްޤީގެ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ.

ސްކޫލްތަކަކީ ކުދިންގެ ކިޔެވުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ޤާއިމުވެފައިވާ މާޙައުލަކަށް ހެދުމަށް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ޚާއްސަކޮށް ސްކޫލްތަކަކީ ޖާގަ ތަނަވަސް، އެކަށީގެންވާ ވަސީލަތްތައް ޤާއިމުވެފަވާ ތަންތަނަށް ހެދުމަކީ އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތްތަކެވެ.

މި މަސައްކަތުގެދަށުން އެޑިއުކޭޝަން މިނިސްޓްރީއިން މިވަނީ އަތޮޅުތަކުގެ 5ރަށެއްގެ ސްކޫލަށް ޖާގަ އިތުރުކުރުމަށް ނިންމަވައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައެވެ.

ސްކޫލްތައް ތަރައްޤީކުރުމުގެ މަސައްކަތުގައި ހިމެނެނީ ށ.ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް އިމާރާތްކުރުމާ، އއ.ހިމަންދޫ ސްކޫލްގައި 12 ކްލާސްރޫމް އަދި މަލްޓި ޕަރޕަސް ހޯލެއް ޢިމާރާތްކުރުމުގެ މަސައްކަތާއި ރ.އިނގުރައިދޫ ސްކޫލްގައި 4 ކްލާސްރޫމާއި ސްޓާފް ރޫމަކައި މަލްޓި ޕަރޕަސް ހޯލެއް ޢިމާރާތްކުރުމުގެ މަސައްކަތާއި ތ.އޮމަދޫ ސްކޫލްގައި 3ބުރީގެ ޢިމާރާތެއް ހެދުމާއި ށ.ކަނޑިތީމުގައި ހުންނަ ށ.އަތޮޅު ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ޢިމާރާތްކުރުމުގެ މަސައްކަތެވެ.

މިއީ ސްކޫލްތަކުގައި ބޭނުންކުރަމުންއައި އިހުގެ ކްލާސްރޫމްތަކުގެ ބަދަލުގައި ޒަމާނީ ޢިމާރާތްތައް ހެދުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. މަލްޓިޕަރޕަސް ހޯލްތަކަކީވެސް ދެ ފަންގިފިލައަށް، ގިނަ ވަސީލަތްތަކާއެކު ތަރައްޤީކުރާ ތަންތަނެވެ. މަލްޓި ޕަރޕަސް ހޯލް ޢިމާރާތުގައި ފާޚާނައާއި، ކޮންޓްރޯލް ރޫމާއި، ޗޭންޖިންގ ރޫމާއި ސްޓޯރ ރޫމްވެސް ހިމެނެއެވެ. އަދި މި ޢިމާރާތްތައް ހަދަނީ އެކި ކަހަލަ ކުޅިވަރު ޙަރަކާތްތައްވެސް ކުރިއަށްގެންދެވޭ ގޮތަށެވެ.

އއ.ހިމަންދޫ ސްކޫލްގައި 12 ކްލާސްރޫމާއި މަލްޓި ޕަރަޕަސް ހޯލެއް ހެދުމާއި ރ.އިނގުރައިދޫ ސްކޫލްގައި 4 ކްލާސްރޫމްގެ މަސައްކަތާއި ށ.އަތޮޅު ސްކޫލްގައި މަލްޓި ޕަރޕަސް ހޯލެއް ޢިމާރާތްކުރުމުގެ މަސައްކަތަށް ބިޑް ހުށައަޅަން ހުޅުވަލާނީ މިމަހުގެ 28ވާ އަންގާރަ ދުވަހުގެ 13:00ގައެވެ.

ށ.ފުނަދޫ 15 ކްލާސްރޫމް ޢިމާރާތްކުރުމާއި ތ.އޮމަދޫ ސްކޫލްގައި 3ބުރީގެ އިމާރާތެއް ހަދަން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށައަޅަންޖެހޭ ތާރީޚަކީ މިމަހުގެ 29ވާ ބުދަ ދުވަހުގެ 11:00އެވެ.

މި މަސައްކަތާ ގުޅޭ ލިޔެކިޔުންތައް މިމަހުގެ 8ވަނަ ދުވަހުން ފެށިގެން ފިނޭނެސް މިނިސްޓްރީއިގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެކަމަށް ފިނޭންސް މިނިސްޓްރީއިން ވިދާޅުވެއެވެ.