ޚަބަރު

ސުގާގެ ތާޢީދު ވެކްސިން ވަޒީރަށް


ޖަޕާނުގެ ވެރިކަންކުރާ ލިބެރަލް ޑިމޮކްރެޓިކް ޕާޓީ، އެލްޑީޕީގެ ރައީސްގެ މަޤާމަށް ވާދަކުރައްވައި ޓާރޯ ކޯނޯއަށް ތާޢީދުކުރެއްވުމަށް އެ ޤައުމުގެ ބޮޑުވަޒީރު ޔޮޝިހިޑެ ސުގާ ނިންމަވައިފިއެވެ. ސުގާގެ ނިންމެވުން އިޢުލާންކޮށްފައިވަނީ އެލްޑީޕީގެ ރައީސްގެ މަޤާމަށް ވާދަނުކުރައްވާނެކަން އޭނާ އިޢުލާންކުރެއްވިތާ އެއް ދުވަސްފަހުންނެވެ. އެއާއެކު އެއް އަހަރުދުވަހަށްފަހު ބޮޑުވަޒީރުގެ މަޤާމު ސުގާ ދޫކޮށްލައްވާނެކަންވަނީ ޔަޤީންވެފައެވެ.

އެލްޑީޕީގެ ރައީސް މަޤާމަށް ބޭފުޅެއް ޢައްޔަންކުރުމަށް އިންތިޚާބެއް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕުޓެންބަރު މަހުގެ 29ވަނަ ދުވަހުއެވެ. އެ މަޤާމަށް އިންތިޚާބުވާ ބޭފުޅަކީ އަންނަ ނޮވެންބަރު މަހުގެ ތެރޭގައި ބާއްވައި ޢާއްމު އިންތިޚާބު އެލްޑީޕީން ކާމިޔާބުކޮށްފިނަމަ ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާނެ ބޭފުޅާއެވެ. 1955ވަނަ އަހަރުގެ ތެރޭގައި އުފެއްދި އެލްޑީޕީއަކީ ދިގު ޒަމާންތަކެއް ވަންދެން ޖަޕާނުގައި ވެރިކަންކުރަމުންދާ ޕާޓީއެވެ. ދެ ފަހަރެއްގެމަތިން އެ ޕާޓީއަށް ވެރިކަން ގެއްލިފައިވަނީ ވަރަށް ކުރު މުއްދަތަކަށެވެ. އެހެންކަމުން އެލްޑީޕީގެ ރައީސްގެ މަޤާމަށް ޢައްޔަންކުރާ ބޭފުޅަކީ ޖަޕާނުގެ ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނެ ބޭފުޅާއަށްވަނީ ވެފައެވެ.

58 އަހަރުގެ ޓާރޯ ކޯނޯއަކީ ޒުވާނުންގެ މެދުގައި ވަރަށް މަޤްބޫލު ބޭފުޅެކެވެ. އޭނާއަކީ ކުރިން ޖަޕާނުގެ ޚާރިޖީ ވަޒީރުގެ މަޤާމާއި ދިފާޢީ ވަޒީރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ޖަޕާނުގައި ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހުމުގެ ޤައުމީ މަޝްރޫޢު ހިންގެވުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ ވަޒީރެވެ. އެހެންކަމުން ޖަޕާނުގައި އޭނާ މަޝްހޫރުވެފައިވަނީ ވެކްސިން ވަޒީރުގެ ގޮތުގައެވެ.

އެލްޑީޕީގެ ރައީސްގެ މަޤާމު ކާމިޔާބުކުރެއްވުމަށް ޓާރޯ ކޯނޯއާ ދެކޮޅަށް އެންމެ ބޮޑަށް ވާދަކުރައްވަނީ ކުރިން ދާޚިލީ ވަޒީރުކަން ކުރައްވާފައިވާ ޢުމުރުފުޅުން 60 އަހަރުގެ ސަނައީ ތަކައިޗީއެވެ. އޭނާ މަސައްކަތްކުރައްވަނީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ވެވަޑައިގަތުމަށެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރެއްވުމަށް ބޭނުންފުޅުވާ ޤާނޫނުހަދާ މަޖިލީހުގެ 20 މެންބަރުންގެ ސޮއި އޭނާއަށް އަދ ހަމަކުރެއްވިފައެއް ނުވެއެވެ. އޭނާއަށް ބޮޑުވަޒީރުކަން ހޯއްދަވައިދެއްވަން އެންމެ ބޮޑަށް މަސައްކަތްކޮށްދެއްވަނީ ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއެވެ.