ކުޅިވަރު

ޔޫއެސް އޯޕަންއިން ނައޯމީ އޮސާކާ ކަޓައިފި


އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގައި އެންމެފަހުގެ އަންހެން ޗެމްޕިއަން ޖަޕާންގެ ނައޯމީ އޮސާކާ މުބާރާތުގެ ތިންވަނަ ބުރުން ބަލިވެއްޖެއެވެ. އޭނާ މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ ތިންވަނަ ބުރުގައި ކެނެޑާގެ ޒުވާން ކުޅުންތެރިޔާ ލޭލާ ފެނާންޑޭޒް އާއި ބައްދަލުކުރިމެޗު ދެސެޓް އެއް ސެޓުން ބަލިވުމުންނެވެ.

ނައޯމީއަށް މިމެޗްގައި މައްސަލަތައް ކުރިމަތިވެގެންދިޔައީ ދެވަނަ ސެޓްގައި މެޗް ކާމިޔާބު ކުރަން ސަރވް ކުރަމުންދިޔަ ގޭމްގައެވެ. މިގޭމް ލޭލާ ކާމިޔާބުކޮށް ދެވަނަ ސެޓް ޓައި ބްރޭކަކަށް ގެންގޮސް އޭނާ އެސެޓް ކާމިޔާބުކުރިއެވެ. މިމެޗްގެ ސެޓްތައް ދިޔަ ގޮތަށް ބަލާލާއިރު ފުރަތަމަ ސެޓް ފަހެއް ހަތަކުން ނައޯމީ ކާމިޔާބުކުރިއިރު ދެވަނަ ސެޓް ނިމި ނިމި އޮއްވައި ލޭލާ ފަހަތުން އަރާ އެސެޓް ކާމިޔާބުކުރީ ހަތެއް ހަޔަކުންނެވެ. އަދި ފަހު ސެޓް ލޭލާ ކާމިޔާބުކުރީ ހައެއް ހަތަރަކުންނެވެ. ހަތަރުވަނަ ބުރުގައި ލޭލާއަށް ބައްދަލުކުރަން ޖެހޭނީ އެންޖެލީކް ކަރބަރ އާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލޭލާ ބުނީ އޭނާއަށް މެޗް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އޮތް ކަމަށެވެ. އަދި މިމެޗްގައި އޭނާ ނައޯމީ އާދެތެރޭ ނުވިސްނާ ކަމަށާއި އޭނާ ވިސްނީ އޭނާ ކުޅެންޖެހޭ ގޮތާއި އޭނާ ކުރަންޖެހޭ ކަންތައްތަކަށް ކަމަށް ލޭލާ ބުންޏެވެ. އަދި ދަނޑަށް ވަދެތިބި ކުޅިބެލުންތެރިންގެ ފަރާތުން އޭނާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ ކަމަށާއި މިމެޗުން މިމޮޅުވީ ކުޅިބެލުންތެރިން އޭނާއަށް ދިން ސަޕޯޓްގެ ސަބަބުންކަމަށް ވެސް ލޭލާ ބުންޏެވެ.