ކުޅިވަރު

ޔޫ އެސް އޯޕަންގެ ހަތަރުވަނަ ބުރުން މެޑްވެޑޭވް ޖާގަހޯދައިފި


އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ހަތަރުވަނަ ބުރުން މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ރަޝިޔާގެ ޑަނީލް މެޑްވެޑޭވް ޖާގަހޯދައިފިއެވެ. އޭނާ މިމުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި ސްޕެއިންގެ ޕަބްލޯ އަންޑުހާ އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ.

ގާތްގަޑަކަށް ދެ ގަޑިއިރަށް ދެމިގެންދިޔަ މިމެޗްގެ ސެޓްތައް މެޑްވެޑޭވް ކާމިޔާބުކުރީ ހައެއް ސުމެއް، ހައެއް ހަތަރެއް އަދި ހައެއް ތިނަކުންނެވެ. މިމުބާރާތުގެ ހަތަރު ވަނަ ބުރުގައި މެޑްވެޑޭވް ވާދަކުރާނީ އިނގިރޭސިވިލާތުގެ ޑޭން އިވާންސްއާއެވެ. އިވާންސް ހަތަރު ވަނަ ބުރުން ޖާގަހޯދީ އޮސްޓްރޭލިއާގެ އެލެކްސީ ޕޮޕިރިން އާއި ވާދަކުރިމެޗް ކާމިޔާބުކޮށްގެންނެވެ. މިމުބާރާތުގައި ރޭ ވަނީ ފިރިހެނުންނެ ބައިން ތިންވަނައަށް ސިޑް ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ބަލިކޮށް ހަތަރުވަނަ ބުރުން ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ކާލޯސް އަލްކަރާޒް ޖާގަހޯދާފައެވެ. ފަސް ސެޓަށް ދެމިގެންދިޔަ މިމެޗް އުމުރުން 18 އަހަރުގެ އަލްކަރާޒް ކާމިޔާބުކުރީ ހައެއް ތިނެއް، ހަތަރެއް ހައެއް، ހަތެއް ހަޔެއް، ސުމެއް ހައެއް އަދި ހަތެއް ހަޔަކުންނެވެ. އެންމެ ފަހު ސެޓްގެ ޓައި ބްރޭކް އަލްކަރާޒް ކާމިޔާބުކުރީ ހަތެއް ހަތަކުންނެވެ.

މިފަހަރުގެ މުބާރާތަކީ ސިޓްސިޕާސްއަށް މާ ރަނގަޅު މުބާރާތަކަށް މިހާތަނަށް ނުވެއެވެ. އެންމެ ބޮޑު އެއް ސަބަބަކަށް ވެފައި ވަނީ އޭނާ ދެސެޓް ދޭތެރެއިން ނަގާ ޓޮއިލެޓް ބްރޭކް މާދިގުކަމަށް ބައެއް ކުޅުންތެރިން ޝަކުވާ ކުރުމާއި ގުޅިގެން އެކަމުގައި ސަޕޯޓަރުން ވެސް ކޮންމެ މެޗެއްގައި އޭނާ އާއި ދެކޮޅަށް ބޭނުން ކުރަމުންދިޔުމުންނެވެ.

އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާލާއިރު އެގާރަވަނައަށް ސީޑް ކުރެވިފައިވާ އާޖެންޓީނާގެ ޑިއޭގޯ ޝްވާރޒްމަން އާއި ސްލޮވާކިއާގެ އެލެކްސް މެލްކަން ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޝްވާޒްމަންއެވެ. އެއީ ހައެއް ހަތަރެއް، ހައެއް ތިނެއް އަދި ހައެއް ތިނަކުންނެވެ. ހަތަރުވަނަ ބުރުގައި ޝްވާޒްމަން ބައްދަލުކުރާނީ ނެދަލަންޑްސްގެ ބޮޓިކް ވޭން ޑެ ޒަންޑްޝުލްޕްއާއެވެ. ބޮޓިކް ހަތަރުވަނަ ބުރުން ޖާގަހޯދީ ތިންވަނަ ބުރުގައި އާޖެންޓީނާގެ ފަކުންޑޯ ބަގްނިސް އާއި ބައްދަލުކުރިމެޗް ފަހަތުން އަރާ ތިން ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ.