ވިޔަފާރި

ފަތުރުވެރިކަމުން ނަފާ ހޯދުމަށް ކ. ކާށިދޫ ތައްޔާރުވަނީ


ފަތުރުވެރިކަމުން ރަށަށް ރަނގަޅު ނަފާއެއް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަަމަށް ކ. ކާށިދޫ ކައުންސިލްގެ ރައީސް އީސާ ޚަލީލް ވިދާޅުވެއްޖެއެވެ. ޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައި ކައުންސިލްގެ ރައީސް އީސާ ޚަލީލް ވިދާޅުވީ، ފަތުރުވެރިކަން ރަށަށް ތަޢާރަފް ކުރުމަށް ހަދަންޖެހޭ ލޭންޑް ސާރވޭގެ މަސައްކަތް ނިމިފައިވާ ކަަމަށާއި، ފަތުރުވެރިކަން ރަށުގައި ފެށުމުގެ ހުއްދައަށް މިހާރު އެދިފައިވާ ކަަމަށެވެ. ރަށުގެ ދުއިސައްތަ ހާސް އަކަފޫޓުގެ ބިމެއްގައި ހޮޓެލް ހެދުމުގެ ޝައުގުވެރިކަން ބޭރުގެ ފަރާތަކުން ފާޅުކޮށްފައިވާ ކަަމަށާއި، ހުއްދަ ލިބި 2016 ވަނަ އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ބިޑަށް ހުޅުވާލެވޭނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. ކާށިދޫއަކީ ބިން އޮތް ރަށެއްކަން ފާހަގަކުރައްވަމުން އީސާ ޚަލީލް ވިދާޅުވީ، އިތުރު ދުއިސައްތަ ހަތްދިހަ ހާސް އަކަ ފޫޓުގެ ބިން، ގެސްޓް ހައުސް ހެދުމަށް ދޫކުރުމަށް ނިންމާފައިވާ ކަަމަށެވެ. އަދި މި ކަމަކީ ރަށުގެ ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ލިބި، ރަށުގެ ޒުވާނުންނަށް ރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމެއްކަންވެސް ކައުންސިލްގެ ރައީސް ފާހަގަކުރެއްވިއެވެ. ދެހާސް ތިންސަތޭކަ ވަރަކަށް މީހުންގެ އާބާދީ އޮންނަ ކާށިދޫއަކީ 276 ހެކްޓަރުގެ ބިން އޮންނަ ރަށެކެވެ.