ކުޅިވަރު

އާސެނަލް ވިމެން އިން އެމެރިކާގެ ފޯވަޑް ހީތު އެޓީމަށް ގެންގޮސްފި


އިނގިރޭސި އެފް އޭ ވިމެންސް ސުޕަރ ލީގުގެ އާސެނަލް ވިމެން އެމެރިކާގެ ފޯވަޑް ޓޮބިން ހީތު އެޓީމަށް ގެންގޮސްފިއެވެ. މިދިޔަ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑް ވިމެންއަށް ކުޅުނު ހީތު އާސެނަލްއަށް ސޮއިކޮށްފައިވަނީ ފްރީ ޓްރާންސްފަރއެއްގެ ދަށުންނެވެ.

މިދިޔަ ސީޒަންގައި ހީތުވަނީ ޔުނައިޓެޑަށް އަށް މެޗްގައި 4 ލަނޑު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ވަކި ހިސާބަކުން ފަޔަށް ލިބުނު އަނިޔާ ހާނިއްކައާއި ގުޅިގެން އޭނާ ކުޅުމާ ދުރުގައި ހުންނަންޖެހުނެވެ. ހީތު ވަނީ އެންމެފަހުން ބޭއްވި އޮލިމްޕިކް ކުޅިވަރު މުބާރާތުގައި ތިންވަނައަށް ދިޔަ އެމެރިކާ ޓީމުގައި ކުޅެފައެވެ. އާސެނަލް އިން އުމުރުން 33 އަހަރުގެ ހީތު ގެންގޮސްފައިވަނީ ކިހާ މުއްދަތަކަށް ކަމެއް ހާމަކޮށްފައެވެއް ނުވެއެވެ.

އާސެނަލްގެ ކޯޗް ޖޯނަސް އެއިޑެވާލް ބުނީ ހީތުގެ ރިކޯޑަށް ބަލާލުމުންވެސް އޭނާގެ ފެންވަރު އެންމެންނަށް ހާމަވެގެންދާކަމަށެވެ. އަދި އޭނާގެ ތަޖްރިބާ އާއި ހުނަރުގެ ބޭނުން އާސެނަލްއަށް ވަރަށް ރަނގަޅަށް ބޭނުން ކުރެވޭނެކަމަށްވެސް އޭނާ ހާމަކުރިއެވެ. އަދި އާސީޒަންގެ ފުރަތަމަ މެޗް ފެށުމުގެ ކުރިން ހީތު ޓީމާއި ގުޅުމުން ވަރަށް ހިތްހަމަ ޖެހޭކަމަށްވެސް އޭނާ ކޯޗު ޖޯނަސް ބުންޏެވެ.