ޚަބަރު

ކުދި ބިންތަކުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ހޯދަންޖެހޭ: މިނިސްޓަރ


ބ.އަތޮޅުގައި ދަނޑުވެރިކަން ކުރުމަށް ސަރުކާރުންވަނީ 3 ރަށެއް ދޫކޮށްފައެވެ. އެއީ އަންހެނުންފުށްޓާއި، މާރިކިލު އާއި އައިދޫއެވެ. އައިދޫ ފިޔަވައި އަނެއް ދެރަށުގައި ދަނޑުވެރިކަން ކުރަނީ ބިމުގައި ތަކެތި ހައްދައިގެންނެވެ.

2016 ވަނަ އަހަރު ދަނޑުވެރިކަން ކުރަން ފެށި އައިދޫގައި ދަނޑުވެރިކަން ކުރަނީ ވަރަށް ތަފާތުކޮށެވެ. އެއީ ހައިޑްރޮޕޯނިކްސް ސިސްޓަމް ބޭނުންކޮށްގެން ޒަމާނީ ވަސީލަތްތަކާއެކުއެވެ. ބޮޑުޚަރަދެއް ހިނގި ނަމަވެސް މިތަނުގައި ހައްދާ ބާވަތްތަކުގެ ކޮލިޓީ ތަފާތު ކަމަށް ދަނޑުވެރިކަމާ ބެހޭވަޒީރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންވަނީ ވިދާޅުވެފައެވެ.

ދަނޑުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގެ އާބާދީ އިތުރުވަމުން ދިއުމާ ގުޅިގެން ގޭގޭގައި އޮންނަ ކުޑަ ޖާގަކޮޅުގައިވެސް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ތަކެތި ހައްދާ މާކެޓަށް ނެރެވިދާނެކަމަށެވެ. ރަށްތައް ފުރި ބިން މަދުވަމުންދާއިރު މިއީ ވިސްނަންޖެހޭ ކަމެއްކަމަށާއި، މިކަންކަން ދެނެގަނެ ދަނޑުވެރިކަން ކުރާ މީހުންނަށް މިފަދަ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ ހަމަ ދަނޑުވެރި ކަމަށް ނަމޫނާ ރަށެއް މިކަން ކުދި ބިންތަކުގައި ކުރެވޭނެ އަދި އެންމެ ޚަރަދުކުޑަކޮށްވެސް މިކަން ކުރެވޭނެ އެއީ ވާރޭފެން ރައްކާކޮށްގެންނާއި، ރިނިއުބަލް އެނަރޖީ ބޭނުންކޮށްގެން. އެހެން މި ބުނަނީ ރާއްޖެއަކީ ބިމުގެ ގޮތުން މާ ބޮޑު ގައުމަކަށް ނުވާތީ ދަނޑުވެރިކަން ކުރާ މީހުން މިކަމަށް ވަރަށް ބޮޑަށް ވިސްނަންޖެހޭ" މިނިސްޓަރ ޑރ. ހުސައިން ރަޝީދު ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިގޮތަށް ރާޖޭގެ ކޮންމެ އަތޮޅަކުންވެސް ފަޅުރަށްތަކެއް ދަނޑުވެރި ކަމަށް ދޫކުރުމަކީ އޭގެ ފައިދާ ދުރު މުސްތަގުބަލުގައި ކުރާނެކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އައިދޫގައި އެންމެ ފުރަތަމަ ހައްދަން ފަށާފައިވަނީ ސްވީޓް މެލަންއެވެ. އެކަން ކާމިޔާބުވުމުން ލެޓިއުސްއާއި ކިއުކަންބާ ފަދަ ބާވަތްތައް ހައްދާ މާކެޓް ކުރަމުންދެއެވެ. އެންމެ ފުރަތަމަ މާކެޓް ކުރުމުގައި ދަތިތަކެއް ކުރިމަތިވިނަމަވެސް މިހާރު ރިސޯޓްތަކުން ބޭނުންވާ ވަރަށް ނުހެއްދޭ ކަމަށް އެރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ބުނެއެވެ. މިރަށުގައި ދަނޑުވެރިކަން ކުރާ ގޮތް ދަސްކޮށްދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށްވެސް ދަނޑުވެރިކަން ކުރާ ފަރާތްތަކުން ބުނެއެވެ.

ކޯވިޑްގެ ބަލިމަޑުކަމުގެ ދުވަސްތަކުގައި ފަތުރުވެރިކަން ހުއްޓުނު ހިސާބުން މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް ކުރިމަތިވިއެވެ. އެއީ ދަނޑުވެރިން ހައްދާ ބާވަތްތައް މާކެޓް ކުރަނީ ރިސޯޓްތަކަށްކަމަށް ވާތީ އެތަންތަން ބަންދުވި ހިސާބުންނެވެ. އެހެން ނަމަވެސް ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން އެފަރާތްތަކަށް އެކަމުން އަރައިގަނެވޭނެ އިންތިޒާމުތަކެއް ވަނީ ހަމަޖައްސަވާދެއްވާފައެވެ.