ވިޔަފާރި

ބިގް އޯޝަން ޝޯގައި ރާއްޖެއިން ބައިވެރިވެއްޖެ


މޫދު ކުޅިވަރަށާއި ޑައިވް ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒްކޮށްގެން ރަޝިއާގައި ބާއްވާ "ބިގް އޯޝަން ޝޯ" ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި މަހު 2 އިން 5 ވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާގެ ވެރިރަށް މޮސްކޯގައި ކުރިއަށްދާ މި ފެއާގައި އެމްއެމްޕީއާރުސީން ހަދާފައިވާ 55 އަކަފޫޓުގެ ސްޓޭންޑު މެދުވެރިކޮށް ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ހިތްފަސޭހަ މަންޒަރުތައް ދައްކުވައިދޭނެއެވެ.
މިފެއާގެ ތެރެއިން އެމްއެމްޕީއާރުސީން ފަތުރުވެރިކަމުގެ ދާއިރާ އާއި މޫދުކުޅިވަރާއި ޑައިވިން ގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކުރާނެއެވެ.

ބިގް އޯޝަން ޝޯ އަކީ މޫދުކުޅިވަރާއި، ޑައިވިން އަދި ކޮންޒަވޭޝަން ޕްރޮޖެކްޓް ދާއިރާގެ ފަރާތްތަކަށް އަމާޒުކޮށް ބާއްވާ އެންމެ ބޮޑު އެއް ފެއާއެވެ. ރާއްޖެ އަކީ މިދާއިރާއިން މަޝްހޫރު އަދި އެންމެ ކުރިއަރާފައިވާ އެއް މަންޒިލަށް ވާއިރު، ރާއްޖެ އަކީ ބިގް އޯޝަން ޝޯގެ ކަންޓްރީ ޕާޓްނަރެވެ. އެހެންކަމުން މި ފެއަރގައި ކުރިއަށްދާ އެކި ހަރަކާތްތަކުގައި ދިވެހިރާއްޖެއިން މުހިންމު ރޯލެއް އަދާކުރާނެ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

މިޝޯގެ ސަބަބުން މޫދު ކުޅިވަރާއި ޑައިވިން ދާއިރާގެ ޕްރޮފެޝަނަލުންނާއި ބައްދަލުކޮށް ގުޅުންބަދަހި ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓް (ރިޒޯޓް ގެސްޓްހައުސް ލިވަބޯޑް ހޮޓެލް) އަދި ރާއްޖެއިން ލިބެންހުންނަ ތަފާތު އެކި ތަޖުރިބާތައް މި ފެއަރގައި އިޝްތިހާރުކުރާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މި އަހަރު ރަޝިއާ މާކެޓްގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ އިޝްތިހާރުކުރުމަށް ދަނީ ގިނަހަރަކާތްތަކެއްގައި ބައިވެރި، ހިންގަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް މިޓް 2021, މޮސްކޯ ޑައިވް ޝޯ އަދި ލަގްޒަރީ ޓްރެވެލް މާޓް ފަދަ ބޮޑެތި ފެއަރތަކުގައި އެމްއެމްޕީއާރުސީން ވަނީ ބައިވެރިވެފައެވެ. އަދި ރަޝިއާގެ ބޮޑެތި ސިޓީ ތަކުގައި އެމްއެމްޕީއާރުސީން ވަނީ ރޯޑްޝޯ ވެސް ބާއްވާފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީން ވަނީ ނެޝަނަލް ޖިއޮގްރަފިކް އާ ގުޅިގެން މޮސްކޯގައި ރާއްޖޭގެ މަންޒަރުތައް ދައްކައިދޭ ފޮޓޯ މައުރަޒެއް ބާއްވާފައެވެ. އަދި ރާއްޖެ އަކީ އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށް އެކްސްޕީޑިޔާ އާ ގުޅިގެން ގްލޯބަލް ކެމްޕެއިނެއް ކުރިއަށްގެންގޮސްފައެވެ.

މިހާރު ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ސޯޝަލް މީޑިޔާ މާކެޓިން ކެމްޕެއިން އާޓޯރް ޓްރެއިނިންގް ވެބިނާ ޓީވީ ބްރޯޑްކާސްޓް އަދި ޓުއަރ އޮޕަރޭޓަރ ޓޭޒް އާއެކު މިހާރު ކުރިއަށްދާ ކެންޕެއިން ހިމެނެއެވެ.

ރަޝިޔާ އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު މާކެޓެކެވެ. އެގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރު އޮގަސްޓުމަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށްވަނީ 159873 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.